Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

"މިސްޓަ އިންޑިއާ 2" ބޭރުގެ ސްޓޫޑިއޯއަކާ ގުޅިގެން

މީގެ 37 އަހަރު ކުރިން ރިލީޒްކުރި "މިސްޓަ އިންޑިއާ" ގެ ދެވަނަ ބައި ހަދާނެކަމުގެ ޔަގީންކަން ދޭ ކަމަށާއި އެ ފިލްމު ހަދާނީ ބޭރުގެ ސްޓޫޑިއޯއަކާ ގުޅިގެން ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.

ބޯނީ އާއި ޒީ ސްޓޫޑިއޯސް ގުޅިގެން، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާ އެކީ "މިސްޓަ އިންޑިއާ" ގެ ޓްރިލޮޖީއެއް ހަދަން 2020 ގައި އިއުލާންކުރުމުން އެ ފިލްމާ ގުޅުން ހުރި އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 1987 ގެ "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް ވެސް ހިމެނެ އެވެ.

ބެލުންތެރިންގެ ބަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެ ފިލްމަކީ ބޯނީ ޕްރޮޑިއުސްކޮށް، އޭނަގެ މަރުވެފައިވާ އަންހެނުން ކުރީގެ ބަތަލާ ސްރީދޭވީ އާއި ކޮއްކޮ އަނިލް ކަޕޫރް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ގެނެސްދިން "މިސްޓަ އިންޑިއާ" ގެ ސްކްރީންޕްލޭ ލިޔުނީ ޖާވިދު އަޚްތަރާއި ސަލީމް ޚާނެވެ.

ޝޭކަރް ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޖާވިދު ރައްދު ވެސް ދީފައިވެ އެވެ.

މީގެ ޓްރިލޮޖީއެއް ހަދަން އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ފާޅުކުރި ހިތްހަމަނުޖެހުންތަކާ އެކީ "މިސްޓަ އިންޑިއާ" ޓްރޮލޮޖީގެ ވާހަކަ އޮތީ ހުއްޓިފަ އެެވެ.

ނަމަވެސް މި ހަފުތާގައި ތިން މީޑިއާއަކަށް ދިން އިންޓަވިއުތަކެއްގައި ބޯނީ ވަނީ "މިސްޓަ އިންޑިއާ 2" ހަދާނެކަން ޔަގީންކޮށް ދީފަ އެވެ. އޭނަ ބުނީ އެ ފިލްމު ހަދާނީ ޒީ ސްޓޫޑިއޯސް އާއި ބޭރުގެ ސްޓޫޑިއޯއެއް ގުޅިގެން ކަމަށެވެ.

"އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. ނަމަވެސް މި ދަނޑިވަޅުގައި އަދި ނެތް އަހަންނަކަށް މި ޕްރޮޖެކްޓާ ބެހޭ އިތުރު އެއްވސް ތަފުސީލެއް ދެވޭކަށް،" ބޮލީވުޑް ހަންގާމާ އަށް އޭނަ ބުންޏެވެ. "އެކަމަކު ޔަގީންކަން ދެވޭނެ މިސްޓަ އިންޑިއާ ދޭއް ހަދާނެކަން."