Last Updated: July 15, 18:06
Wednesday, July 15, 2026
ދުނިޔެ

ޓައިވާނަށް ވަރުގަދަ ބިންހެލުމެއް

ޓައިވާނަށް ވަރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ އީސްޓް ކޯޓަށް މިއަދު ރިކްޓަ މިންގަނޑުން 7.4 ބާރުމިނުގައި ބިންހެލުމުގައި މިހާތަނަށް ހަތަރު މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓި، ބޮޑެތި ގެއްލުންތައްވެފައިވެ އެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިއާތަކުން ބުނީ ބިންހެލުމާ ގުޅިގެން ޒަހަމްވި މީހުންގެ އަދަދު މިހާރު 50 އަށް ވުރެ މަތި ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޓައިވާންގެ ސީސްމޮލިޖީން ސެންޓަރުން ބުނެފައި ވަނީ މިއަދުގެ ބިންހެލުމަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް އައި އެންމެ ވަރުގަދަ ބިންހެލުން ކަމަށެވެ.

ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން ފިލިޕީންސުން ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް އެ އިންޒާރު ނެރުނުތާ މާ ގިނައިރުތަކެއް ނުވަނީސް ސުނާމީގެ އިންޒާރު ވަނީ ބާތިލުކޮށްފަ އެވެ.