Last Updated: May 1, 19:56
Wednesday, May 1, 2024
ޚަބަރު

އެެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާ: ރައީސް

ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފަށާފައިވާ މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައި ނުވާނެ ކަމަށާއި މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވެ އެކަމުގެ ތަފުސީލު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރޭ ހުޅުމާލޭ ހިޔާ ފުލެޓް ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލި ކަމަށް ބުނެ އެމްޑީޕީން ހަދަމުން ގެންދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭ ގޮތަށް މިހާރު ވެސް 500 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުއްޓިފައި ހުރި ކަމަށާއި އެ ފައިސާ ދީ ނިންމައި، އަލުން އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ބަނދަރު ހެދުމާއި ތޮށިލުމާއި ބިން ހިއްކުމުގެ 30 މަޝްރޫއުއެއްގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށާއި އެ މަޝްރުއޫއުތައް ހިމެނޭ ގޮތަށް އެފަދަ 90 މަޝްރޫއެއްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ހުއްޓިފައި އޮތް މަގު ހެދުމުގެ 17 މަޝްރޫއަކާއި ހުއްޓިފައި އޮތް ފުޓްބޯޅަ ދަނޑު ހެދުމުގެ 84 މަޝްރޫއެއްގެ ތެރެއިން 46 މަޝްރޫއެއްގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުން މިހާރު ވެސް 42 މިސްކިތެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މިސްކިތް އެޅުމުގެ 20 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ 90 މަޝްރޫއެއް ވެސް ހުއްޓިފައި އޮތް ކަމަށާއި ނަމަވެސް މިހާރު ތައުލީމީ ދާއިރާގެ 217 މަޝްރޫއެއް ފަށާފައިވާ އިރު 11 ރަށެއްގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން މިހާރު ޖުމްމަ 527 މަޝްރޫއެއް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.