Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

ކަންގަނާ ފޯރީގައި ކެމްޕޭން ކުރަނީ

މި މަހު ފަށާ އިންޑިއާގެ ލޯކް ސަބާގެ އިންތިހާބުގައި ވާދަކުރާ ބަތަލާ ކަންގަނާ ރަނާވަތު ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އެބަދެ އެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށެވެ. އެ ގޮނޑި އަށް ވާދަކުރަން ކަންގަނާ އަށް ދައުވަތު ދިނީ ސީދާ ބީޖޭޕީންނެވެ. އޭނަ އަކީ އެ ޕާޓީ އަށް ވަރަށް ސަޕޯޓްކުރާ އަދި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަރަށް ސަނާ ކިޔާ މީހެކެވެ.

މުޅިން އަލަށް ސިޔާސީ މަސައްކަތަކަށް ނުކުމެ، ކަންގަނާ އަންނަނީ ކެމްޕޭން ރެލީތައް ބާއްވައި، މަންޑީގެ ރައްޔިތުން އޭނަ އަށް ވޯޓްދޭން ޖެހޭ ސަބަބުތައް ކިޔައިދެމުންނެވެ. ސިޔާސީ މަގާމަކަށް ކަނަގަނާ އަލަށް ވާދަކުރި ނަމަވެސް އޭނަ ފާހަގަކުރެވިފައި ވަނީ ސިޔާސީ ކަންކަމާ ބެހޭ ގޮތުން ވަރަށް އާންމުކޮށް ވާހަކަ ދައްކައި ބީޖޭޕީގެ ސިޔާސަތުތަކަށް ތައުރީފުކޮށް، މޯދީ ވަރުގެ ލީޑަރެއް އިންޑިއާ ނުދެކޭ ކަމަށް ބުނާ ބަތަލާއެއްގެ ގޮތުގަ އެވެ.

އަދި ކަންގަނާ އަކީ މުސްލިމުންނާ ދެކޮޅަށް ވެސް ވަރަށް އާންމުކޮށް ހަރުކަށި ބަސްތައް ބުނާ މީހެކެވެ. ހަރުކަށި ހިންދީ ފިކުރުގެ ބީޖޭޕީގެ މައިގަނޑު އެއް ސިޔާސަތަކީ ވެސް އެއީ އެވެ.

ކަންގަނާގެ ބަސްމަގު ހުންނަ ގޮތުގެ ސަބަބުންމި ފަހުން ވަރަށް ގިނަ ބައެއްގެ ނުރުހުމާއޮ ނަފުރަތު އޭނަ އަށް އަމާޒުވެފައިވެ އެވެ. މި ސަބަބާ ހެދި މި ފަހުން އޭނަގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ވެސް ނުލިބެ އެވެ. މި ފަހުން ރިލީޒްކުރި ކަންގަނާގެ ހުރިހާ ފިލްމެއްހެންވީ ފްލޮޕެވެ. އޭގެ ތެރޭގައި "ތޭޖާސް"، "ޗަންދުރަމުކީ 2"، "ތަލައިވީ" އަދި "ދާކަޅް" ހިމެނެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޑައިރެކްޓް ވެސް ކޮށްފައިވާ "އިމަޖެންސީ" އެވެެ. ޖޫން 14 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ ފިލްމެކެވެ. "އިމަޖެންސީ" ބިނާކޮށްފައި ވަނީ އިންދިރާގެ ޒައާމަތުގެ ފަހު ދައުރުގައި އިއުލާންކުރި ކުއްލި ހާލަތާ ގުޅިގެން ދިމާވީ ހާޖާނުގަނޑަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބުގެ ވޯޓްލުން ފަށާނީ މި މަހުގެ 19 ގަ އެވެ. އަދި ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 968 މިލިއަން މީހަކަށް ލިބިގެންވެ އެވެ.