މަޖިލިސް އިންތިހާބުގެ ކެމްޕޭން ފޯރި މިހާރު ވަރަށް ގަދަ އެވެ. މި މަހުގެ 21 ގައި އިންތިހާބު ބާއްވާ އިރު، އައްޑޫގެ ދާއިރާތަކަށް ވެސް ވާދަކުރާ ކެންޑިޑޭޭޓުން އަންނަނީ ކެމްޕޭން ކުރަމުންނެވެ. މީގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ މާ ބޮޑު ކެމްޕޭން ފޯރިއެއް ނެތް ނަމަވެސް، ސަރުކާރަށް ނިސްބަވްތާ ކެންޑީޑެޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފޯރި ވަކިން ގަދަކަން ފާހަގަކުރެވެ އެވެ.
ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބުކުރާ އިރު، މި ފަހަރުގެ އިންތިހާބު ފާހަގަކުރެވުނީ އައްޑު އަށް ދާއިދާއެއް އިތުރު ވެސް ވި އިންތިހާބަކަށެވެ. އަލަށް އިތުރުވި ދާއިރާ އަކީ ފޭދޫގެ މަގުއްދޫ އަވަށާ އެކީ މަރަދޫފޭދޫ ހިމެނޭ ފޭދޫ އުތުރު ދާއިރާ އެވެ.
މި ފަހަރުގެ އިންތިހާބުގައި އައްޑޫން ޖުމްލަ 29 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން އެންމެ ދެ ކެންޑިޑޭޓުންނެވެ. އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
އައްޑު އަށް ވާދަކުރާ 29 ކެންޑިޑޭޓުންގެ ތެރޭގައި ކުރިން މެންބަރުކަން ކުރައްވާފައިވާ ދެ ބޭފުޅަކާއި މިހާރު ވެސް މަޖިލީހުގައި މަސައްކަތްކުރައްވާ ދެ މެންބަރަކު ހިމެނެ އެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަސްލަމަކީ މިހާރުގެ މަޖިލީހުގެ ރައީސެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ އިބްރާހީމް ނާޒިލަކީ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ ވެސް މެންބަރެވެ.
މި ފަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކުރިން މެމްބަރުކަން ކުރައްވާ ދެ ކެންޑިޑޭޓުންނަކީ ފޭދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމްދީދީ (އައިބީ) ގެ އިތުރުން ހުޅުދު އަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑް) އެވެ. މި ދެ ބޭފުޅުންނަކީ ވެސް ޕީއެންސީ އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި އައްޑޫގެ ދެ ކައުންސިލަރަކު ވެސް ވާދަކުރައްވަ އެވެ. އެއީ މެދު ދާއިރާ އަށް ވާދަކުރައްވާ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ މޫލެޑެކެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ.
* ހިތަދޫ އުތުރު ދާއިރާގެ ކެންޑޑޭޓުން:
1. ޝަޒީމާ ރަޝީދު (އަމިއްލަ ގޮތުން)
2. މުހައްމަދު މިރުޒާގު (އަމިއްލަ ގޮތުން)
3. މުހައްމަދު އަސްލަމް އެމްޑީޕީ)
4. ޝަބީނާ އިބްރާހީމްދީދީ (ދަ ޑިމޮކްރެޓްސް)
5. އަހުމަދު ސައީދު (އަމިއްލަ ގޮތުން)
6. މުހައްމަދު ސިނާން (ޕީއެންސީ)
7. އިމްދާދު ޒުބައިރު (އަމިއްލަ ގޮތުން)
* މީދޫ ދާއިރާގެ ކެންޑިޑޭޓުން:
1. ހިޝާމް އަހުމަދު (އަމިއްލަ ގޮތުން)
2. އިޔާޒު ޖާދުﷲ ސައީދު (ޕީއެންސީ)
3. އިބްރާހީމް ޝަފީއު (އަމިއްލަ ގޮތުން)
4. މުހައްމަދު ސަބްރީ (އެމްޑީޕީ)
5. އަބްދުއް ރަހުމާން (އަމިއްލަ ގޮތުން)
* ހުޅުދޫ ދާއިރާގެ ކެންޑިޑޭޓުން:
1. މުހައްމަދު ޔާސީން (ދަ ޑިމޮކްރެޓްސް)
2. މުހައްމަދު ޝާހިދު (ޕީއެންސީ)
3. އަހުމަދު ޝަރީފު (އަމިއްލަ ގޮތުން)
4. ސާމިއު އަންވަރު (އެމްޑީޕީ)
* ފޭދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުން:
1. ނޫރުﷲ ސައީދު (އަމިއްލަ ގޮތުން)
2. އިބްރާހީމްދީދީ (ޕީއެންސީ)
3. އަބްދުﷲ ހަނީފު (އެމްޑީޕީ)
* ފޭދޫ އުތުރު ދާއިރާގެ ކެންޑިޑޭޓުން:
1. އަބްދުﷲ ހުޒާމް ނަސީމު (އަމިއްލަ ގޮތުން)
2. އިސްމާއީލް ނިޒާރު (ޕީއެންސީ)
3. އަހުމަދު ޝަރީފު (އެމްޑީޕީ)
* މަރަދޫ ދާއިރާގެ ކެންޑިޑޭޓުން:
1. މުހައްމަދު އަމީތު (ޕީއެންސީ)
2. އަހުމަދުދީދީ (އެމްޑީޕީ)
3. މުހައްމަދު ހަމްދޫން (އަމިއްލަ ގޮތުން)
* ހިތަދޫ މެދު ދާއިރާގެ ކެންޑިޑޭޓުން:
1. މުހައްމަދު ޝުއާއު (އެމްޑީޕީ)
2. އަހުމަދު އަޒާން (ޕީއެންސީ)
* ހިތަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓުން:
1. މުހައްމަދު ސިޔާމް (ޕީއެންސީ)
2. އިބްރާހީމް ނާޒިލް (އެމްޑީޕީ)
މި މަހުގެ 21 ގައި އިންތިހާބު ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު އަންނަނީ ވަމުންނެވެ. މި އިންތިހާބުގައި 284،887 އަށް މީހަކަށް ވޯޓްލުމުގެ ހައްގު ލިބެ އެވެ.