Last Updated: May 3, 13:26
Friday, May 3, 2024
ޚަބަރު

ފޭސް-3 ގެ ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ފޭސް-3 ގެ ހިއްކާ ސަރަހައްދުގައި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.

އެގޮތުން 3 ވަނަ ފިޔަވަހީގެ ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ ސައިޓް-ބީ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް މާދަމާ 0:00 ގެ ކުރިން ނެގުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އަންގާފައެވެ. އަދި މިގޮތަށް ނެގޭ އުޅަނދުތައް ހިއްކާ ސަރަހައްދުން ބޭރުގައި އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 22 ގަ އެވެ. އެގޮތުން އޭރު ފެށި ސައިޓް އޭ ބިން ހިއްކުމުގެ މަސައްކަތް އޮކްޓޯބަރ ފަހުކޮޅަށް ވަނީ ނިންމާލާފަ އެވެ.

ހުޅުމާލެ ފޭސް 3 ހިއްކަނީ މާލެ ސަރަހައްދުން ބިން ދޫކުރުމަށް ނިންމާފައިވުމާއެކު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ބިމުގެ ރެޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ދޫކުރުމަށެވެ.