ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު، ފިތުރު ޒަކާތުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތަށް ލިބިފައިވާ ޖުމްލަ ފައިސާގެ 4،499،433ރ. އެވެ. އަދި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލަށްވާ ފައިސާއިންނެވެ. އަދި އެންމެ މަދު މީހުން ޒަކާތް ދައްކާފައި ވަނީ ރަތް ހަނޑުލަށްވާ ފައިސާއިންނެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.
ފައިސާގެ އިތުރުން ގޮވާމުން ވެސް ޒަކާތް ދެއްކޭނެ އެވެ. އެގޮތުން ގޮވާމުން ވެސް ޒަކާތް ބަލައިގަންނަން މިހާރު ވަނީ ފަށާފަ އެވެ. ފައިސާ އިން ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުބް އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އެގޮތުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ.
ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ.
ފިތުރު ޒަކާތަށް ލިބޭ ފައިސާ ބަހަނީ ރާއްޖޭ ގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.