Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

ޓައިވާންގެ ބިންހެލުމުގައި 9 މަރު

ޓައިވާނަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައި، 800 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ރިކްޓަ މިންގަނޑުން 7.4 ބާރުމިނުގައި މި ބިންހެލުން އައީ އެ ގައުމުގެ އީސްޓް ކޯޓަށެވެ. އަދި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވީ ހުއާލިން ސިޓީއަށެވެ. އެތަނުގެ ބައެއް އިމާރާތްތައް ވެއްޓިފައިވެ އެވެ. އަދި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ޓައިވާނަށް އައި ބިންހެލުމާ ގުޅިވެން އަވައްޓެރި ފިލިޕީންސާއި ޖަޕާނަށް ވެސް އޭގެ އަސަރުކުރި އެވެ. އެކަމާ ގުޅިގެން ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. ނަމަވެސް އެ އިންޒާރު މިހާރު ވަނީ އުވާލައިފަ އެވެ.

މިއަދު ޓައިވާނަށް އައި ބިންހެލުމަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.