Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ދެން ބަހާނީ އެސްޓީއޯ ކާޑު ގުދަނުން

މާލެ ސަރަހައްދުގައި ކާޑު ބެހުމުގެ ތެރެއިން / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވާ ރޯދަ ހަދިޔާ މާލެ ސަރަހައްދުގައި ބެހެމުގެ ކަންކަން ދެން ކުރިއަށް ދާނީ ރޯދަމަހުގެ ނިޔަލަށް އެސްޓީއޯ ގުދަނުން އެކަނި ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުން ރޯދަ ހަދިޔާ ނުގެންދެވި ހުރި ފަރާތްތަކަށް ރޯދަ ހަދިޔާ ހޯދުމުގެ ކަންކަން ހަމަޖެހިފައި ހުންނާނީ އެސްޓީއޯ ކާޑު ގުދަނުގައި ކަމަށެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެނދުރު 13:00 އަށް ކާޑުގެ ގޮތުގައި ދޫކުރާ ރޯދަ ހަދިޔާގެ ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދިނުމަށް ނިންމާފައިވަނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. އެގޮތުން މިހާތަނަށް ކާޑު ނުގެންދަވާ ފަރާތްތަކުން ކާޑު ބަލައި ވަޑައިގަންނަވާއިރު ގޭގެ ކަރަންޓު މީޓަރު ނަންބަރު އަދި ބައްލަވައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެނައުމަށް އެސްޓީއޯއިން އެދެއެވެ.

މާލޭ ސިޓީގައި ކާޑު ބެހުމުގެ އިންތިޒާމު ރޯދަ މަސް ފެށިގެން މިހާތަނަށް ހަމަ ޖެއްސީ، މާލެ ސިޓީ ކައުންސިލުންނެވެ. އެގޮތުން މާލެ އަދި ހުޅުމާލެ ބައެއް ސަރަހައްދުތަކުގައި ކާޑު ބެހުމުގެ ކަންކަން އޭރު ވަނީ ހަމަޖައްސާފައެވެ.