Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ކުރުސީ އެނބުރި ޓްވިޓާ އަށް

ސަސްޕެންޑް ކުރިތާ 24 ގަޑިއިރު ނުވަނީސް ސަރުކާރާއި ސިޔާސީ އެކި ފަރާތްތަކަށް ފާޑު ކިޔަމުންދާ ހަސަން ކުރުސޫ އެކައުންޓު ޓްވިޓަރ (ކުރީގެ އެކްސް) އިން އިޔާދަ ކޮށްދީފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ މި އައިޑީ އިޔާދަ ކޮށްދީފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މި އެކައުންޓަކީ ސަރުކާރާއި ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ކޮރަޕްޝަން އަދި އެހެނިހެން ބޮޑެތި ތުހުމަތުތައް އެފަރާތްތަކަށް ކުރަމުންދާ އެކައުންޓެކެވެ. އެކައުންޓުން މިހާތަށް ގިނަ މައްސަލަތަކެއް ފެންމަތިކޮށްފައިވާއިރު، އެކައުންޓު ގެންގުޅެނީ ކޮށް ފަރާތަކުން ކަމެއް މިހާތަނަށް ދެނެގަނެވިފައި ނުވެ އެވެ.

އެ އެކައުންޓު ސަސްޕެންޑު ކޮށްފައިވާއިރު އެ އެކައުންޓް ހިންގުމުގެ ފަހަތުގައިވާ މީހަކު ހޯދަން ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ވެސް ހޯދައިފަ އެވެ. އެ އަމުރު ކޯޓުން ނެރެ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އެ އެކައުންޓު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށިއިރު ގިނަ ބަޔަކު ތުހުމަތު ކުރީ އެއީ، ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ އެކައުންޓެއް ކަމުގަ އެވެ. ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ހަސަން ކުރުސީގެ އެކައުންޓުން ދާދިފަހުން ވަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން ތަހުގީގަށް ބައެއް އަންހެނުން ދީފައިވާ ބަޔާންތައް ލީކުކޮށްލާފަ އެވެ. އަދި އެމްއެމްޕީއާރުސީގެ އަންހެން ތިން މުވައްޒަފަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ މައްސަލައެއް ވެސް އެ އެކައުންޓުން ވަނީ ފެންމަތިކޮށްފަ އެވެ.