Last Updated: April 30, 11:23
Tuesday, April 30, 2024
ކުޅިވަރު

އާސެނަލް އެއްވަނަ އަށް، ސިޓީ އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން 2-0 އިން ބަލިކޮށް، ލީގުގެ އެއްވަނަ އަށް އާސެނަލް އެރިއިރު، މެންޗެސްޓާ ސިޓީން އެސްޓަންވިލާ 4-1 އިން ބަލިކޮށްފި އެވެ.

މި މޮޅާއެކު އެއްވަނައިގައި އާސެނަލް އޮތީ 30 މެޗުން ލިބުނު 68 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 29 މެޗުން 67 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ލީގުގައި މިރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އަލުން އެއްވަނަ ލިބޭނެ އެވެ. ތިންވަނައިގައި 30 މެޗުން 67 ޕޮއިންޓު ހޯދައިގެން އޮތީ ސިޓީ އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ ކެޕްޓަންކަން ކުރަމުން އަންނަ އޮޑެގާޑް ޕްރިމިއާ ލީގުގައި ޖެހި 30 ވަނަ ގޯލެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި 30 ގޯލު ޖެހި ނޯވޭ އަށް ނިސްބަތްވާ 9 ވަނަ ކުޅުންތެރިޔާ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން ދެވަނަ ގޯލު ކާމިޔާބު ކުރިއިރު، މި ގޯލަކީ ލޫޓަންގެ ހަޝިއޯކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ސިޓީން ރޭ އެސްޓަންވިލާއާ ދެކޮޅަށް ނިކުތް މެޗުގައި އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑް އާއި ކެޑިން ޑި ބްރޭނާ ކުޅެފައެއް ނުވެ އެވެ. އެ ދެ ކުޅުންތެރިން ނެތި ކުޅުނު މެޗުގައި ސިޓީގެ ތަރިއަކަށް ވީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިލް ފޮޑެން އެވެ. ފޮޑެން ވަނީ ސިޓީންގެ ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ހެޓްރިކެއް މި މެޗުގައި ހަދާފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ހެދި ދެވަނަ ހެޓްރިކެވެ. މި ހެޓްރިކާއެކު މި ސީޒަނުގައި ފޮޑެން ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ 21 އަށް އަރާފަ އެވެ.

އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންނާ ނުލާ ކުޅުނު އެސްޓަންވިލާގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޖޯން ޑުރާން އެވެ.