Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ސްރީދޭވީގެ ބައޮޕިކެއް ނެހެދޭނެ: ބޯނީ

މަރުވެފައިވާ އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް އޭނަގެ ހުވަފަތް ފިރިމީހާ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ސްރީދޭވީގެ ބައޮޕިކެއް ބެލުންތެރިންނާ ހަމައަށް ދުވަހަކު ވެސް އަންނާނެ ކަމަކަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ފަދަ ފުރުސަތެއް ނުވެސް ދޭނެ ކަމަށް ބުންޏެވެ.

"އަހަރެން ދިރިހުރިހާ ހިނދަކު އެކަމެއް ނުވާނެ." ބޯނީ ބުންޏެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނުނު ސްރީދޭވީ މަރުވީ 2018 ގަ އެވެ. އޭނަ މަރުވީ އާއިލާ މީހެއްގެ ކައިވެނީގެ ހަފުލާއަކަށް އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދުބާއީ އަށް ކުރި ދަތުރުތެރޭގަ އެވެ. ސްރީދޭވީ މަރުވެފައި އޮއްވައި ފެނުނީ އޭނަ ހުރި ހޮޓަލުގެ ފާހާނާގެ ބިލިގާ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން ހެދި އޮޓޮޕްސީ ރިޕޯޓްގައި ބުނެފައި ވަނީ ސްރީދޭވީ މަރުވީ މަސްތުވެގެން އޮއްވައި ބިލިގާތެރެއަށް ގެނބިގެން ކަމަށެވެ.

މި މަރާ ގުޅިގެން ތަފާތު އެކި ކަހަލަ ވާހަކަތައް ދެކެވި، އެކި ކަހަލަ ތިއަރީތައް އެކި ފަރާތްކުން ނެރެފައިވެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސްރީދޭވި އާއި ބޯނީގެ ގުޅުމަކީ ވެސް ވަރަށް ބޮޑެތި މައްސަލަތަކެއް ފެންމަތިވި ގުޅުމެކެވެ. އެގޮތުން ބޯނީގެ ފުރަތަމަ ކައިވެނި ހަލާކުކޮށްލީ ސްރީދޭވީ ކަމަށް އާއިލާ އިން ތުހުމަތުކޮށް، ބޯނީގެ އާއިލާ އިން އޭނަ ބަލައިގެންފައެއް ވެސް ނުވެ އެވެ.

ނަމަވެސް ބޯނީ އާއި ސްރީދޭވީ އަކީ ވަރަށް ލޯބިން އުޅުނު ދެމަފިރިންނެވެ. އެ ދެ މީހުންނަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. އެއީ މިހާރު ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ. ފުރަތަމަ ކައިވެންޏަށް ވެސް ބޯނީ އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ބަތަލު އަރުޖުން ކަޕޫރްގެ އިތުރުން އަންޝުލާ ކަޕޫރެވެ. އެ މީހުންގެ މަންމަ މޯނާ ކަޕޫރް މަރުވީ ކެންސަރު ބަލީގައި 2012 ގަ އެވެ.

ސްރީދޭވީ މަރުވި ފަހުން އޭނަގެ ބައޮޕިކް ހަދަން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ގޮސްފައިވެ އެވެ.