Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

އައްޑޫން ގޯތި ދިނުމުގައި ޝުއާއުގެ ހާއްސަ ދައުރެއް ނެތް

އައްޑޫން ދޫކުރަން ނިންމި ގޯތިތައް ދޫކުރުމުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ ހާއްސަ ދައުރެއް ނެތް ކަމަށް އައްޑޫ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ދާދި ފަހުން ޕީއެސްއެމުން ބޭއްވި މަޖިލިސް އިންތިހާބު ބަހުސްގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ ޝުއާއު ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމު މީހަކު ކައުންސިލަށް ހުށަހެޅި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފޯމަށް ދިން ޖަވާބުގަ އެވެ.

ބަހުސްގައި ޝުއާއު ވިދާޅުވެފައި ވަނީ އައްޑޫން ދޫކުރި 1،000 ގޯތި ދޫކުރީ އޭނާ ކަމަށާއި ދެން ވެސް ގޯތި ދޭނީ އޭނާ ކަމަށެވެ.

"އަޅުގަނޑަކީ އެއްހާސް ގޯތި ދޭނެކަމަށް ބުނެ އެކަން ކުރުވި މީހާ. އަޅުގަނޑަކީ ބާކީ ހުރި 1508 ގޯތި ހިތަދޫ ދޭނެކަމަށް ބުނެ ހިތަދޫ ފަސްގަނޑުން މަސައްކަތް ކުރަމުން އެދަނީ." ބަހުސްގައި ޝުއާއު ވާހަކަ ވިދާޅުވި އެވެ.

ބަހުސްގައި ގޯއްޗާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ތަކާއި ގުޅިގެން އައްޑޫ ކައުންސިލުންގެ ބައެއް ކައުންސިލަރުން ވެސް ތިއްބެވީ ހިތްހަމަ ނުޖެހިއެވެ. އެއީ ގޯއްޗާ ގުޅިގެން ޝުއާއު ބޮޑު ދޮގެއް އާއްމުންގެ ކުރިމަތީގައި ހެއްދެވުމުންނެވެ.

ކައުންސިލުން ބުނީ ހިތަދޫން ދޫކުރި ބިމާއި، އައްޑޫން ދޫކުރި ބިން ދޫކުރުމުގެ މައްސަލަ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހެޅުމާއި ވޯޓު ދިނުން ފިޔަވައި ޑެޕިއުޓީ މޭޔަރގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

ޝުއާއު ވަނީ އެ ބަހުސްގައި ފާޅުގައި ގިނަ ދޮގުތަކެއް ހައްދަވައިފަ އެވެ. އެގޮތުން ހިތަދޫ ކަސަބާ ދަނޑުގެ މަސައްކަތާއި ހިތަދޫ ރަސްމީ ބޯޅަ ދަނޑުގެ ކަންކަމުގެ އިތުރުން ހިތަދޫ ޔޫތު ސެންޓަރާއި ގުޅުވައިގެން ވެސް ދޮގުތަކެއް ހައްދަވާފައިވެ އެވެ.