Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާނެ

ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކުގެ މިއަހަރު ތެރޭގައި ކުރިއަށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ މީހެއްގެ ސުވާލަކަށް "ރައީސްގެ ޖަވާބު" ގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުޅިވަރުގެ ދާއިރާ އަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން އެކަމަށް ވަކި ޚާއްޞަ ވުޒާރާއެއް އުފައްދަވައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް އަދި ފަރުވާ ފޯރުކޮށް ދިނުމާއި އެކަންކަން ފަހިކޮށް ދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެ ދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް އެކި ރަށްރަށުގައި އެގޮތަށް މަސައްކަތްތައް ފެށުމުގެ މަރުހަލާގައި އެ ދަނީ. ބައެއްތަންތާ އަމަލީ ގޮތުން ވެސް ފެށިފައި ވާނީ،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމަށް އިންޑޯކޯޓުތަކާއި، އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ބޭނުންވާ ހޭންޑްބޯލް ކޯޓުތައް، މިހެން ގޮސް އެކިކަހަލަ ކޯޓުތައް އެޅުމަށް މި އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ހިނގާނެ."

ސަރުކާރުން ވަނީ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. އެގޮތުން އަދި އެ ޕްލޭނަށް ކުޅިވަރު އެސޯސިއޭޝަންތަކާއި ދާއިރާގެ ގިނަ ބައެއް ހިޔާލު ހޯދުމަށް ފަހު ފައިނަލް ކުރާނެ އެވެ.