Last Updated: May 1, 20:45
Thursday, May 2, 2024
ދުނިޔެ

އޫރުގެ ކިޑްނީން މި މީހާ އަށް އަލުން ދިރުން!

ޖެނެޓިކް ބަދަލުތަކެއް ގެނެސް މޮޑިފައިކޮށްފައިވާ އޫރުގެ ކިޑްނީ ލެއްވި މީހާ އޮޕަރޭޝަނަށް ފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މިއީ މިފަދަ އޮޕަރޭޝަނެއް ކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޫރުގެ ގުނަންތައް މޮޑިފައިކޮށްގެން އިންސާންނަށް ފަރުވާދޭން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. ނަމަވެސް މި ފަހަރު މޮޑިފައިކޮށްފައިވާ އޫރުގެ ކިޑްނީ ޓްރާންސްޕޯޓް ކާމިޔާބުވެފައިވާ އިރު، މި ކިޑްނީ ލެއްވީ ރިޗަޑް "ރިކް" ސްލޭމަން ކިޔާ 62 އަހަރުގެ އެމެރިކާގެ ފިރިހެނަކަށެވެ.

އޭނަގެ މި ޓްރާންސްޕްލާންޓް ސާޖަރީ ހެދީ މެސެޗޫޗެސް ޖެނެރެލް ހޮސްޕިޓަލް (އެމްޖީއެޗް) ގަ އެވެ.

ރިކް ކާމިޔާބު ސާޖަރީއާ ބެހޭ ގޮތުން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މޮޑިފައިކޮށްފައިވާ އޫރުގެ ކިޑްނީ ޓްރާންސްޕްލާންޓާ އެކީ، ރިކްގެ ޒަމާންވީ ކިޑްނީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާއެއް ލިބުނީ ކަމަށާއި މިއީ ވަރަށް ކާމިޔާބު ކަމެއް ކަމަށެވެ. ހަތަރު ގަޑިއިރުގެ މި އޮޕަރޭޝަންކުރީ މިދިޔަ މަހުގެ 16 ގަ އެވެ.

"މި ސާޖަރީއާ އެކީ ދެން ރިކް އަށް ނުޖެހޭނެ ކުރިން ހަދަމުން ދިޔަ ޑައިލިސިސް ހަދާކަށް ވެސް." އެމްޖީއެޗުން ބުންޏެވެ.

ސާޖަރީ ކާމިޔާބުވުމާ ގުޅޭ ގޮތުން ރިކް ބުނީ މި ހޮސްޕިޓަލުން އެނބުރި ގެއުމަށް ދެވުމަކީ ހަޔާތުގެ އެންމެ ބޮޑު އެއް އުފާ ކަމަށެވެ. ދެހާސް އަށާރައިގައި ވެސް އޭނަ ކިޑްނީ ޓްރާންސްޕްލާންޓެއް ހެދި އެވެ. ނަމަވެސް އެ ކިޑްނީ ފެއިލްވީ މިދިޔަ އަހަރު އެވެ.

ރިކް އަށް ލެއްވި އޫރުގެ ކިޑްނީ އަކީ ކެމްބްރިޖްގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ "އީޖެނެސިސް" އިން ޖެނެޓިކް ބަދަލުތަކެއް ގެނައި ކިޑްނީއެކެވެ.