Last Updated: May 2, 19:20
Thursday, May 2, 2024
މުނިފޫހިފިލުވުން

"މެޓްރިކްސް 5" ވެސް ހަދަނީ

އެކްޓަރު ކިއާނޫ ރީވްސްއާ އެކީ ގެނެސްދެމުން އަންނަ ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "މެޓްރިކްސް" ގެ އިތުރު ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށް ވޯނާ ބްރޮސް އިން ބުނީ ފަސް ވަނަ ބައި ވާނީ ކުރީގެ ފިލްމުތައް ހެދި ޑައިރެކްޓަރުން ކަމަށްވާ ލާނާ އާއި ލިލީ ވެޗޯސްކީގެ ހިއްސާއެއް ނެތި ހަދާނެ ފިލްމެއް ކަމަށެވެ. އެގޮތުން "މެޓްރިކްސް 5" ލިޔެ، ޑައިރެކްޓްކުރަން ހަވާލުކޮށްފައި ވަނީ "ދަ މާޝަން" ގެ ސްކްރީން ރައިޓަރު ޑްރޫ ގޮޑާޑްއާ އެވެ. މި ފިލްމު ވާނީ އޭނަގެ ދެވަނަ ޑައިރެކްޝަނަށެވެ. ޑްރޫގެ ފުރަތަމަ ފިލްމަކީ 2018 ގެ "ބޭޑް ޓައިމްސް އެޓް ދި އެލް ރޯޔޭލް" އެވެ.

"މެޓްރިކްސް 5" އާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.

"މެޓްރިކްސް" ގެ އެންމެ ފަހުގެ ފިލްމަކީ 2021 ގައި ގެނެސްދިން "ރިސަރެކްސްޝަން" އެވެ. ޖުމްލަ 190 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 159.2 މިލިއަން ޑޮލަރެވެ.

"މެޓްރިކްސް" ގެ ފުރަތަމަ ގެނެސްދިނީ 1999 ގަ އެވެ. އަދި "މެޓްރިކްސް ރީލޯޑެޑް" އާއި "މެޓްރިކްސް ރިވޮލިއުޝަންސް" ގެނެސްދިނީ 2003 ގަ އެވެ.