Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ދީޕިކާގެ ނެށުމަކަށް އެކަޑެމީގެ ތައުރީފު

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ފިލްމެއްގައި ދައްކުވައި ދިން ނެށުމެއް އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކަޑެމީ އޮފް ޕިކްޗާ އާޓްސް އެންޑް ސައިިންސެސް (އޭއެމްޕީއޭއެސް) އިން ފާހަގަކޮށްފި އެވެ.

އެ ލަވަ އަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2015 ގެ ފިލްމު "ބަޖިރާއޯ މަސްތާނީ" ގެ "ދިވާނީ މަސްތާނީ" ލަވަ އެވެ. ދީޕިކާގެ ހުނަރުވެރި، ޗާލު ނެށުންތަކާ އެކީ ބެކްޑާންސަރުންތަކެއް ވެސް ފެންނަ މި ލަވަ ހާއްސަކޮށް އެކަޑެމީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލަވައިގެ ވީޑިއޯއެއް ހިމަނާފައިވެ އެވެ.

އެކަޑެމީގެ އިންސްޓަގްރާމްގެ ޕޯސްޓަށް ދީޕިކާގެ ފިރިމީހާ ރަންވީރު ވެސް "މެސްމެރިކް" ލިޔެ، ކޮމެންޓްކޮށްފައިވެ އެވެ.

"ދިވާނީ މަސްތާނީ" ލަވައިން ރަންވީރާއި "ބަޖިރާއޯ މަސްތާނީ" ގެ ސަޕޯޓިން ރޯލެއް ކުޅުނު ޕްރިޔަންކާ ޗޯޕްޅާ ވެސް ފެނިގެން ދިޔަ އެވެ. ދީޕިކާގެ ނެށުމެއް އެކަޑެމީން ފާހަގަކުރި އިރު، އޭނަ އަކީ މިދިޔަ އަހަރުގެ އޮސްކާ ޕްރެންޒެންޓްކޮށް ދޭން ވެސް ދައުވަތު ލިބުނު ބަތަލާއެކެވެ.

ދީޕިކާ އަކީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ ވިން ޑީޒެލްގެ 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.

ދީޕިކާ އަކީ ބޮލީވުޑްގެ މިހާރުގެ ބަތަލާއިންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކެކެވެ. އޭނަގެ "ބަޖިރާއޯ މަސްތާނީ" އަކީ ބަންސާލީއާ އެކީ މަސައްކަތްކުރި ދެވަނަ ފިލްމެވެ. މި ފިލްމުގެ ކާސްޓްގައި ޝާހިދު ކަޕޫރް ވެސް ހިމެނެ އެވެ. ފިލްމުގައި ހިމެނޭ "ދިވާނީ މަސްތާނީ" ލަވަ އަކީ ބަންސާލީގެ މިއުޒިކަށް ޝްރެޔާ ގޯޝާލް ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ.

މި ލަވައިގެ ނެށުން ތައްޔާރުކޮށް ދީގެން ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.