Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ބަންޑާރަ މިސްކިތަށް ގެއްލުން ދިން މީހަކު ބަންދަށް

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ބަންޑާރަ މިސްކިތުގެ ފާހާނާ އަށް ގެެއްލުން ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނަގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ފިރިހެނެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަންގާރަ ދުވަހު ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. މި މައްސަލައިގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ކޯޓަށް ހެކި ލިބިފައިވެ އެވެ. އޭގެ ތެރޭގައި ކިތާބީ ހެކީގެ ގޮތުގައި ގެއްލުން ދީފައިވާ ތަކެތީގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށް ވެސްއަމުރުގައިވެ އެވެ.

އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ޙަބީބު ނިންމެވީ ހުރުމަތްތެރިވެގެންވާ ތަނަކަށް ގެއްލުން ދީފައިވާތީ އެވެ.

މި ރޯދަ މަހުގެ ތެރޭގައި މާލޭގެ ބައެއް މިސްކިތްކުން ވައްކަންކޮށްގެން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.