Last Updated: May 7, 14:23
Tuesday, May 7, 2024
ޚަބަރު

ބީއެމްއެލްގެ ހިއްސާއަކަށް ރެކޯޑް އަދަދެއް ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރެކޯޑް ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދު ހުށަހަޅައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ފާއިތުވި 2023 ވަނަ އަހަރަކީ އެބޭންކުން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ ގޮތުގައި 2.07 ބިލިއަށް ހޯދައިފައިވެއެވެ. މިއާއެކު، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު ކަމަށްވާ، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށް ކަމަސްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް ސީއީއޯ ވިދާޅުވީ ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދުކަން ފާހަގަ ކޮށްފައިވެއެވެ.

"ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ." ކާރލް ވިދާޅުވިއެވެ.

މީގެއިތުރުން ކާރލް ވަނީ، ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް ޝުކުރެއް ދަންނަވާފައެވެ.