Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

އަބްދުﷲ ގާޒީ މަސައްކަތުން "އެކަހެރިކޮށްފި"

އަބްދުﷲ ގާޒީ (ވ): އޭނާ ޗުއްޓީ ނެންގެވުމުން، ކްރިމިނަލް ކޯޓު ހިންގެވުން ފަނޑިޔާރު އަބްދުﷲ ދީދީއާ ވަނީ ހަވާލުކޮށްފައި.-- ހަވީރު ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޗުއްޓީއަށް ވަޑައިގަތުމަށްފަހު، އެ ކޯޓުގައި ހިނގަމުންދިޔަ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ނިމުމުން އެނބުރި އޮފީހަށް ނިކުންނަވަން މަސައްކަތް ކުރުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

އެނގިފައިވާ ގޮތުން ޢަބްދުﷲ ޤާޟީ ޗުއްޓީ ނިންމުމަށްފަހު އެނބުރި އޮފީހަށް ނިކުންނަވަން މަސައްކަތް ކުރުމުން، ކްރިމިނަލް ކޯޓުގެ ބައެއް ޤާޟީން ވަނީ އަބްދުﷲ ޤާޟީ ނިކުމެ ވަޑައިގެން ހުންނަވާ ނަމަ ކޯޓުގައި ހިނގަމުންދާ ބައެއް މައްސަލަތައް ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެ މިކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިފަ އެވެ.

ކްރިމިނަލް ކޯޓުގައި އެ މަނިކުފާނު ޤާނޫނާއި ޚިލާފަށް ހައްޔަރު ކުރުމާއި ގުޅިގެން ދަޢުވާ އުފުލިފައިވާ ހުރިހާ މައްސަލަތަކެއްގެ އަޑުއެހުން ވެސް ކެންސަލްކޮށްފަ އެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީގައި ޢަބްދުﷲ ޤާޟީ ޤާނޫނާއި ޚިލާފަށް ހައްޔަރު ކުރުމާއި ގުޅިގެން ދަޢުވާ އުފުލާފައިވާ ހުރިހާ މައްސަލަތަކެއް ނިމެންދެން އަބްދުﷲ ޤާޟީ މަސައްކަތުން އެކަހެރި ކުރެވިފައި ވާކަމަށް ވަނީ އަންގާފައެވެ. މި ސިޓީގެ ކޮޕީއެއް "އައްޑޫ ލައިވް" އަށް ވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުން ޢަބްދުﷲ ޤާޟީ އޮފީހަށް ނިކުންނަވަން މަސައްކަތް ކުރުމުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ވަނީ ވަކިން ބައްދަލުކޮށް އަބްދުﷲ ޤާޟީ އާއި މިކަމާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ. އަދި މި ބައްދަލު ކުރުމުގައި މިގޮތަށް ޗުއްޓީއަށް ދާންޖެހޭނަމަ ޗުއްޓީގެ ޚަރަދުތައް ދެއްވުމަށް އަބްދުﷲ ޤާޟީ ވަނީ އުއްތަމަ ފަނޑިޔާރަށް ދަންނަވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިހާރު އަބްދުﷲ ޤާޟީ ޗުއްޓީއަށް ވަޑައިގެން ހުންނެވީ ސްރީ ލަންކާގައެވެ. ނަމަވެސް ޗުއްޓީއަށް ދިއުމަށް އެއްވެސް ޚަރަދެއް ކޯޓުގެ ފަރާތުން ދިން ކަން ކަށަވަރު ކުރެވޭ ގޮތެއް ނުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ އެންގުމަކަށް އަބްދު ﷲ ޤާޟީ ޗުއްޓީއަށް ގޮސްފައިވާ އިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރަކަށް އަހަރީ ޗުއްޓީގެ ގޮތުގައި ހައްޤުވެގެންވަނީ އަހަރަކު30 ދުވަހުގެ ޗުއްޓީއެކެވެ. އަދި އަހަރީ ޗުއްޓީގެ އިތުރުން އެހެނިހެން ޗުއްޓީ ދިނުމާއި، ސަލާމް ބުނުމުގައި ޢަމަލު ކުރަންޖެހެނީ ވަޒީފާ އާއި ބެހޭ ޤާނޫނަށެވެ.

ރައީސް ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނު ފަހުން މިހާރު މިވަނީ 40 ދުވަސް ހަމަވެފައެވެ. މިދިޔަ މުއްދަތުގައި ޢަބްދުﷲ ޤާޟީ ހުންނެވީ ޗުއްޓީގައި ނަމަ، ފަނޑިޔާރަކަށް އަހަރީ ޗުއްޓީ ދިނުމަށް ކަނޑައެޅިފައިވާ މުއްދަތަށް އަބްދުﷲ ޤާޟީ މިވަނީ ޗުއްޓީ ހޭދަ ކުރައްވާފައެވެ.