Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

ރޯދަ ރަހަ: ޓޫނާ ޕޮޓޭޓޯ ޕައި

* ބޭނުންވާ ތަކެތި:

ޕޮޓޭޓޯ ކްރަސްޓްއަށް

5 މެދުމިނެއްގެ އަލުވި
½ ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް
½ ޖޯޑު ތެޔޮ
މަސްގަނޑަށް
1 މެދުމިނެއްގެ ފިޔާ
½ ކެޕްސިކަމް
2 ލޮނުމެދު
2 ތޮޅިމިރުސް

2 މޭޒުމަތީ ސަމުސާ ތެޔޮ
1 މަސް ދަޅު (180 ގްރާމް)
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ މުގުރި އަސޭމިރުސް

ލޭޔާ ކުރުމަށާއި ޕައި މައްޗައް އެޅުމަށް

6 ބިސް
½ ޖޯޑު މިލްކީ ލަކްސް ޗެޑާ ޗީޒް (ގާނާފަ)

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ އަލުވީގެ ތޮށިމަށާފަ ތުނިކޮށް ކޮށާލާށެވެ. ކޮށާލުމަށް ފަހު ފެނުން އަލުވިކޮޅު ދޮވެލާފަ ޓިޝޫއިން ނުވަތަ ސާފު ފޮތިކޮޅަކުން އަލުވީގެ ފެން ހިއްކާލާށެވެ. މިހެން ހެދުމުން ތެލުލާ ނިމުމުން އަލުވިކޮޅު ހުންނާނީ ކުޑަކޮށް މުރަނަކޮށެވެ.
2. ދެން ½ ސައިސަމުސާ ލޮނާއި ¼ ސައިސަމުސާ އަސޭމިރުސް އަޅާފަ އަލުވި ތަކުގެ ބޭރުގައި ރަނގަޅަށް ކޯޓް ކުރެވޭ ވަރަށް އެއްކޮށްލާށެވެ.
3. ތެއްޔަކަށް ނުވަތަ ތަވަޔަކަށް ½ ޖޯޑު ތެޔޮ އަޅާށެވެ. ދެން ތެޔޮ ހޫނުވާން ފެށުމުން އަލުވިތައް އަޅާފަ ގަދަ ގިނީގައި ރަންކުލަ އަރަންދެން ތެލުލާށެވެ. އަހަރުމެން ތެލުލީ އަލުވިކޮޅު ދެބަޔަކަށް ބަހާލުމަށްފަހުއެވެ. އެންމެ ފުރަތަމަ ބައި ތެލުލުމަށް 9 މިނެޓް ނެގިއިރު، ދެވަނަ ބައި ތެލުލުމަށް 5 މިނެޓް 30 ސިކުންތު ނެގިއެވެ. މިއީ ތެޔޮ ދެވަނަ ބުރުގައި އިތުރަށް ހޫނުވެފައި ހުރީމައި ވީގޮތެވެ.
4. ތަށްޓެއްގައި ޓިޝޫ ފަތުރާލާފަ އެޔަށް އަލުވިކޮޅު ތެއްލާ ނިމުމުން އަޅާލާށެވެ. އެއީ އިތުރަށް ހުންނަ ތެޔޮ އަލުވިތަކުން ބޭރުކުރުމަށެވެ.
5. ދެން މަސްގަނޑު ހެދުމަށް ތުނިކޮށް ފިޔާ އަދި ކެޕްސިކަމް ކޮށާލާށެވެ. އެއަށްފަހު ލޮނުމެދާއި ތޮޅިމިރުސް ވެސް ކުދި ކޮށް ކޮށާލާށެވެ.
6. ތަވަޔެއް ހޫނު ކުރުމަށް ފަހު 2 މޭޒުމަތީ ސަމުސާ ތެލާއި، ފިޔާ، ލޮނުމެދު، އަދި ތޮޅި މިރުސް އަޅާފަ މެދު ގިނީގައި ކައްކަން ފަށާށެވެ.
7. ފިޔާތައް މަޑުވާން ފެށުމުން ކޮށާފަ ހުރި ކެޕްސިކަމް ކޮޅު އަޅާފަ ކުޑަކޮށް ފިޔާގަނޑު ރަތްވާ ވަރަށް ހަލަމުން ކައްކާށެވެ.
8. ދެން، މަސްދަޅުގެ ފެން/ތެޔޮ ފުރާނާލުމަށް ފަހު މަސް ފިޔާގަނޑަށް އަޅާލާފަ ރަނގަޅަށް އެއްކޮއްލާށެވެ.
9. އެއަށްފަހު ¼ ސައިސަމުސާ ލޮނާއި ¼ ސައިސަމުސާ އަސޭމިރުސް އަޅާފަ ހަލަމުން އިތުރު 2 މިނެޓް ވަންދެން ކައްކާށެވެ. ދެން އުދުން ނިއްވާލާށެވެ.
10. ވަކި ބޯތަށްޓަކަށް 6 ބިސް އަޅާފަ ގިރާލާށެވެ. މިއީ ޕައި ފިހެވޭއިރު އެކައްޗެއް ގޮތަށް ހިފެހެއްޓިފައި އޮންނާނެ ގޮތަށް އެ ބޭއްވުމަށް ބޭނުން ކުރާށެވެ.
11. ދެން 8×5.5 އިންޗި ޓްރޭއެއް ނަގާފަ އޭގެ އެތެރޭގައި ވަށާ ބަޓަރު ހާކާލާށެވެ. އެއަށްފަހު، ތަބަކުގެ ތިރީގައާއި އަރިމަތި ތަކުގައި ތެލުލާފަ ހުރި އަލުވި ފޮތިތައް ފަށަލައެއްހެން އަތުރާލާށެވެ.
12. ދެން ތަބަކުގެ ތެރެއަށް ގިރާފަ ހުރި ބިހުގެ ދެބައިކުޅައެއްބައި ނުވަތަ ތަބަކުގެ ތިރީގައި ހުރި އަލުވިތައް ފޮރުވޭވަރަށް އަޅާށެވެ.
13. ކައްކާފަ ހުރި މަސްގަނޑު އޭގެ މައްޗަށް އަޅާފަ އެއްވަރަށް ފަތުރާލާށެވެ. ދެން ބާކީ ހުރި ބިސް މަސްގަނޑުގެ މައްޗަށް އަޅާލާށެވެ.
14. ދެން ބާކީ ހުރި އަލުވިތަށް މަތީގައި ފަތުރާލާށެވެ.
15. އެންމެ ފަހު ކަމަކަށް މިލްކީ ލަކްސް ޗީޒް ކޮޅު ގާނާލުމަށް ފަހު އޭގެ މަތީގައި ފަތުރާލާށެވެ.
16. އަވަން 10 މިނެޓް ވަންދެން °C180 ގައި ހޫނު ކުރަން ޖެއްސުމަށްފަހު ހޫނު ވީމައި ޕޮޓޭޓޯ ޕައި އަވަނަށް ލާށެވެ. ހަމަ °C180 ގައި 30 މިނެޓް ވަންދެން ޕައި ފިހެލާށެވެ. ފިހެ ނިމުމުން ޗީޒް ހުންނާނީ ވިރި ކުޑަކޮށް ރަން މުށި ކުލައެއް އަރާފައެވެ. މި ޕައި އެންމެ މީރު ވާނީ ކުޑަކޮށް ހޫނުއިރު ކެއުމުން ނެވެ.

ރެސިޕީ: ލޮނުމެދު