Last Updated: April 30, 06:17
Tuesday, April 30, 2024
ކުޅިވަރު

ލިވަޕޫލް އެއްވަނަ އަށް، ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

ޝެފީލްޑް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލިއިރު، ފަހު ވަގުތު ޗެލްސީން 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 30 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 30 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލަށް ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ޑާވިން ނުނޭޒް އެވެ. ދެވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް، ޝެފީލްޑުން މެޗުގެ 58 ވަނަ މިނެޓްގައި ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ލިވަޕޫލްގެ ފުލްބެކް ކޮނާ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އަލުން ލިވަޕޫލަށް ލީޑުނަގައިދިނީ މެޗުގެ 76 ވަނަ މިނިޓްގައި އެލެކްސިސް މެކް އަލިސްޓާ ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާ ރޮނގުކައިިރިން މެކް އަލިސްޓާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އިތުރު ވަގުތުގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ކޯޑީ ގަކްޕޯ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ކޯނާ ގެލަގާ ކާމިޔާބުކޮށްދިން އިރު ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ، އެ ޓީމުގެ މާކް ކުކުރޭލާ އަށް ޔުނައިޓެޑްގެ އޭރިއާތެރެއިން އެ ޓީމުގެ އެންތަނީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކޯލް ޕާމާ ޖެހި ލަނޑެކެެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ދެ ލަނޑު ޖަހައި ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖެހީ، ޗެލްސީގެ މޮއިސަސް ކައެސޭޑޯ ހެދި ގޯހެއްގެ ފައިދާނަގައި، އަލެހަންދްރޯ ގާނާޗޯ އެވެ. އެއްވަރުކޮށްދިން ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ގާނާޗޯ ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ.

ޗެލްސީ މޮޅުވީ، އިތުރު ވަގުތުގެ 10 ވަނަ މިނިޓާއި 11 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. މި ދެ ލަނޑު ޖަހައި، ޕާމާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެގޮތުން ޗެލްސީން ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ އޭރިއާތެރެއިން ޗެލްސީގެ ނޯނީ މަޑުއޭކޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ޗެލްސީ މޮޅުވި ލަނޑު ޕާމާ ޖެހީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އެގޮތުން ޕާމާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ސްކޮޓް މެކްޓޮމިނޭ ގައިގައި ޖެހިފަ އެވެ.

މި މޮޅާ އެކު ޗެލްސީ ވަނީ 43 ޕޮއިންޓާ އެކު ލީގުގެ 10 ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް އޮތީ 30 މެޗުން 48 ޕޮއިންޓް ހޯދައިގެން ލީގުގެ ހަ ވަަނައިގަ އެވެ.