Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ކަރަން މި ގެނެސްދެނީ ވަރުގަދަ ތަޅާފޮޅުންގަނޑެއް

އިންޑިއާގެ އެންމެ ވައިލަންޓް ފިލްމުގެ ގޮތުގައި ޕްރޮމޯޓްކޮށް، ކަރަން ޖޯހަރްހެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ކިލް" ގެ ޓީޒާ އާންމުކޮށްފި އެވެ.

މި ކުރު ޓީޒާގައި ވެސް ފެންނަނީ ބާރަށް ދަތުރު ކުރަމުންދާ ރޭލެއްގެ ތެރޭގައި ހިނގާ ވަރުގަދަ ތަޅާފޮޅުންތަކެކެވެ. ޓީޒާ ގެނެސް ދީފައި ވަނީ ބައެއް މީހުންނަށް ބަލަން އުނދަގޫވެދާނެ ކަހަލަ މަންޒަރުތަކެއް ހިމެނޭތީ އިންޒާރުގެ ނޯޓިހަކާ އެކީގަ އެވެ. "ކިލް" ގައި ދައްކުވައި ދޭނީ އެއްރޭގެ ހާދިސާތެކެވެ. އަދި މީގެ ގިނަ މަންޒަރުތައް ދައްކުވައި ދޭނީ ރޭލު ތެރޭގަ އެވެ.

"ކިލް" އަކީ ބޮލީވުޑަށް އާ އެކްޓަރަކު ތައާރަފުކުރާނެ ފިލްމެކެވެ. އެއީ ލަކްޝް ލަލްވާނީ އެވެ. އޭނަ އަކީ ކަރަން ދަރުމާގެ ހުއްޓިފައިވާ ފިލްމު "ދޯސްތާނާ 2" އަށް ނެގި އެކްޓަރެކެވެ. ނަމަވެސް އޭގެ މަސައްކަތް 2019 ގައި ފަށާފައި ވަނިކޮށް، ބައެއް ސަބަބުތަކ ހެދި ފިލްމުގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ. ލަކްޝްގެ އިތުރުން "ދޯސްތާނާ 2" އަށް ނެގީ ޖާންވީ ކަޕޫރާއި ކާތިކް އާރިއަނެވެ.

މީގެ އިތުރުން ދަރުމާގެ އެހެން ފިލްމެއް ވެސް 2021 ގައި ލަކްޝް ހިމަނައިގެން އިއުލާންކުރި އެވެ. އެއީ ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ތައާރަފުކުރަން އިއުލާންކުރި "ބޭދަޅަކް" އެވެ. އެ ފިލްމަކީ ހުއްޓިފައި އޮތް އެއްޗެކެވެ.

ލަކްޝްގެ "ކިލް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ ޖުލައި 5 ގަ އެވެ. ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްގެން ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެގޮތުން މި ފިލްމަކީ އިންޑިއާގެ އެކްޝަން ފިލްމުތަކުގެ މޫނުމަތި ބަދަލުކޮށްލާނެ ވަރުގެ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.

"ކިލް" ގެ ކާސްޓްގައި ރާގަވް ޖުޔަލް އާއި ތާނިއާ މަނިކްޓަލާ ވެސް ހިމެނެ އެވެ.