Last Updated: May 2, 06:02
Thursday, May 2, 2024
ދުނިޔެ

އެންމެ ދުވަސްވީ ފިރިހެނާ އަށް 111 އަހަރު

އިނގިރޭސިވިލާތުގެ 111 އަހަރުގެ މީހަކަށް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން މިއަދު ޖޯން އަލްފްރެޑް ޓިނިސްވުޑަށް ރަސްމީކޮށް އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ކަށަވަރުކޮށް ދިން އިރު، މިއަދާ ހަމައަށް އޭނަގެ އުމުރަކީ 111 އަހަރާއި 222 ދުވަހެވެ. އަލްފްރެންޑް އުފަންވީ މަޝްހޫރު "ޓައިޓޭނިކް" ފެތުރު އަހަރު ކަމަށްވާ 1912 ވަނަ އަހަރުގެ އޮގަސްޓް 26 ގަ އެވެ. އޭނަ އުފަންވީ ލިވަޕޫލަށެވެ.

މުނިމުނިކާފަ ދަރިންތަކެއް ވެސް ތިބި އަފްލްރެޑް މި ވަގުތު އުޅެމުން އަންނަނީ ސައުތުޕޯޓްގައި ދުވަސްވީ މީހުން ތިބޭ މަރުކަޒެއްގަ އެވެ.

އަލްފެރެޑް ބުނި ގޮތުގައި އުމުރުން އެހާ ދުވަސްވީ އިރު އޭނަގެ އެންމެ ބޮޑު ނަސީބަކީ އަމިއްލަ ކަންކަން އަމިއްލަ ކުރެވޭ ފަދަ ސިއްތެއްގައި ހުރުމެވެ. އަދި އެއަށް ވުރެ ބޮޑު އުފަލެއް ނެތް ކަމަށް ބުންޏެވެ. އާންމުކޮށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަނީ އަމިއްލަ އަށް ކަމަށް އޭނަ ބުންޏެވެ.

އަލްފްރެޑް ކިޔައިދިން ގޮތުގައި އެހާ އުމުރު ދިގުވީ ވާހަކަ ހާއްސަ ކަމެއް ކޮށްގެނެއް ނޫނެވެ. އެކަމަކު އަބަދު ވެސް އޭނަ އަކީ ކެއުމުގައި އާދައިގެ މިންގަނޑެއް ގެންގުޅެމުން އަންނަ މީހެކެވެ.

"މިހާރު އަހަންނަށް ކާން ދޭ ކޮންމެ އެއްޗެއް ވެސް ކާ މީހެއް އަހަންނަކީ. އެކަމަކު ކޮންމެ ހުކުރު ދުވަހެއްގައި ފިޝް އެންޑް ޗިޕްސް ކެއުމަކީ ވަރަށް ލޯބިކުރާ ކަމެއް." އޭނަ ބުންޏެވެ.

އަލްފްރެޑަށް އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ ކުރިން އެ ރެކޯޑް އޮތް ވެނެޒުއާލާގެ ޖުއާން ވިސެންޓޭ ޕެރޭޒް މި މަހުގެ 3 ގައި މަރުވުމާ ގުޅިގެންނެވެ. އޭނަ މަރުވި އިރު، އުމުރަކީ 114 އަހަރެވެ.

މިހާރު އެންމެ ދުވަސްވީ އަންހެނަކީ އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ސްޕެއިންގެ މަރާޔާ ބްރަނިއާސް މޮރޭރާ އެވެ. މިދިޔަ އަހަރު އެ ރެކޯޑް ލިބުނު މީހާ އަށް މިހާރު 117 އަހަރެވެ.