Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

އާލިއާ އަށް އަނެއްކާ ވެސް ބޭރުގެ ފިލްމެއް

އިންޑިއާގެ ބަތަލާ އާލިއާ ބަޓަށް އަނެއްކާ ވެސް އިންޓަނޭޝަނަލް ޕްރޮޖެކްޓަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ހުނަރުވެރި، ކާމިޔާބު ބަތަލާ އަށް މި ފަހަރު ފުރުސަތު ލިބުނީ "ބެންޑް އިޓް ލައިކް ބެކަމް" އާއި "ޕްރައިޑް އެންޑް ޕްރެޖުޑައިސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ގުރިންދަރު ޗައްޑާގެ އާ ފިލްމުން ކަމަށެވެ. އޭނަ އަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސިވިލާތުގެ ޑައިރެކްޓަރެކެވެ.

މިދިޔަ ހަފުތާގައި އާލިއާ ލަންޑަންގައި ބޭއްވި ޗެރިޓީ އިވެންޓްގައި ވެސް ގުރިންދަރު ބައިވެރިވެފައިވެ އެވެ. މީޑިއާތަކުން ބުނީ މި ދަތުރުގެ ތެރޭގައި އެ ދެ މީހުން އާ ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ކުރި ކަމަށާއި ގުރިންދަރުގެ ފިލްމުން އާލިއާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މިއީ ޑިޒްނީއާ ގުޅިގެން ހަދަން ނިންމާފައި ފިލްމެކެވެ. މިހާރު ސްކްރީންޕްލޭ ވެސް ނިންމާފައި އޮތް ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ޕްރިންސެސްއަކަށެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ގުރިންދަރާއި ޕޯލް މަޔޭޑާ އެވެ.

ގުރިންދަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބްލައިންޑެޑް ބާއި ދަ ލައިޓް" އެވެ.

އާލިއާގެ ފުރަތަމަ އިންޓަނޭޝަނަލް ފިލްމަކީ މިދިޔަ އަހަރުގެ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އެވެ. ޓޮމް ހާޕާ ޑައިރެކްޓްކުރި އެ އެކްޝަން ސްޕައި ތުރިލާގެ ކާސްޓްގައި ގަލް ގެޑޯ އާއި ޖެމޯ ޑޯނަން ވެސް ހިމެނެ އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރަށް ތާވަލުކޮށްފައި އޮތް "ޖިގްރާ" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމެއް ހިމެނެ އެވެ.