Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އިންޑިއާ އަބަދު ވެސް އަވައްޓެރިންނާ އެކީ ދެމިއޮންނާނެ

އިންޑިއާ އަބަދު ވެސް އަވައްޓެރި ގައުމުތަކަށް އެހީވުމުގައި ދެމިއޮންނާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު ވިދާޅުވެއްޖެ އެވެ.

މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް ބޭނުންވާ އަސާސީ ބާވަތްތައް ފޯރުކޮށް ދޭން އިންޑިއާ ސަރުކާރުން ކޯޓާ އިތުރުކޮށް ދިނުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކަމަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެން ޖެއި ޝަންކަރު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި އިންޑިއާ އަކީ އަބަދު ވެސް "ނޭބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން އަވައްޓެރިންނާ އެކީ ދެމި އޮންނާނެ ގައުމެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން ކޯޓާ އިތުރުކޮށް ދިނުމާ ގުޅިގެން ޒަމީރު ވިދާޅުވެފައި ވަނީ މިއީ ދެ ގައުމުގެ އެކުވެރިކަން ބަދަހިކަމުގެ ރަމްޒެއް ކަމަށެވެ. އަދި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ރާ އިތުރަށް ފުޅާކުރުމަށް އޮތް ވަރުގަދަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އިޝާރާތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު ފަސް ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ކަނޑައެޅި ފަހަރު ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފަ އެވެ. އެގޮތުން ހިލަ/ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައިވާ އިރު، އެއީ 25 ޕަސެންޓްގެ އިތުރުވުމެކެވެ.