Last Updated: May 2, 15:21
Thursday, May 2, 2024
ދުނިޔެ

ފްރާންސްގައި މުސްލިމު ދަރިވަރަކު މަރާލައިފި

މުސްލިމު ދަރިވަރުންނަށް ފްރާންސްގައި ކުރަމުންދާ އަނިޔާތައް އިތުރުވަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އިއްޔެ ވެސް އެފަދަ ހަމަލާއެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ކިޔަވަމުން އަންނަ ސްކޫލްގައި އޮތް މިއުޒިކް ކްލާހަކަށް ބުރާސްފަތި ދުވަހު ހަވީރު ހާޒިރުވުމަށް ފަހު، އެނބުރި ގެއަށް ދަނިކޮށް ސްކޫލް ކައިރީގައި އުޅުނު ޒުވާން ގްރޫޕަކުން ދިން ހަމަލާތަކާ ގުޅިގެން ލިބުނު އަނިޔާތަކަށ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވީ ޝަމްސުއްދިން ކިޔާ ކުއްޖެކެވެ.

މިކަމާ ގުޅިގެން އެ ހާދިސާ ހިންގި ވިރީ ޝެޓިލަންގެ މޭޔަރު ޖިއާން މޭރީ ވިލައިން ވިދާޅުވީ ހަރުކަށި މިފަދަ އަމަލުތައް ހިންގުން މިހާރު ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ. އަދި މިކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޝަމްސުއްދީން މަރާލި މައްސަލައިގައި ފުލުހުން މިހާރު ވަނީ 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް، އެކަމުގައި ޝާމިލުވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ފްރާންސްގައި 14 އަހަރުގެ މުސްލިމު އަންހެން ކުއްޖަކަށް ގްރޫޕަކުން ދިން ހަމަލާތަކެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން އޮތީ ކޯމާއެއްގަ އެވެ. ސަމާރާ ކިޔާ ކުއްޖާ އަށް ވެސް ހަމަލާ ދިނީ ސްކޫލުން ގެއަށް ދަނިކޮށެވެ.

އެ ހާދިސާއާ ގުޅިގެން ތިން ކުއްޖަކު ހައްޔަރުކޮށްފައިވެ އެވެ.