Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ސަލްމާންގެ ތައުރީފު ޅިޔަނަށް

އެކްޓަރު އާޔޫޝް ޝަރުމާ ތިން ވަނަ ފިލްމު "ރުސްލާން" އާ އެކީ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމަށް އޭނަ ކޮށްފައިވާ މަސައްކަތްތަކަށް ސަލްމާން ޚާން ތައުރީފުކޮށްފި އެވެ.

އާޔޫޝް އަކީ ސަލްމާންގެ ޅިޔަނެކެވެ. އޭނަގެ އަންހެނުން އަރްޕިތާ ޚާނަކީ ސަލްމާންގެ ކޮއްކޮއެކެވެ. އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔަތުރީ" އިންނެވެ. އޭގެ ފަހުން 2021 ގެ "އަންތިމް" ގައި ސަލްމާނާ އެކީ އާޔޫޝް މަސައްކަތްކޮށްފައިވެ އެވެ.

އާޔޫޝްގެ "ރުސްލާން" މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، މި އެކްޝަން ތުރިލާގައި އޭނަ ކުޅެފައިވާ ވަރުގަދަ އެކްޝަން ރޯލަށް ތައުރީފުކޮށް، ޓްރެއިލާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ސަލްމާން ބުނީ ފިލްމަށް އާޔޫޝްކޮށްފައިވާ ބުރަ މަސައްކަތް ފެންނަ ކަމަށެވެ.

"ބުރަ މަސައްކަތުގެ ނަތީޖާ އަބަދު ވެސް ރަނގަޅު ވާނެ." ސަލްމާން ބުންޏެވެ.

"ރުސްލާން" އަކީ ކޭކާ ރާދަމޯހަން ޕްރޮޑިއުސްކޮށް، ކަރަން ލަލިތު ބުޓާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ ސުޝްރީ ޝްރެޔާ މިޝްރާ އެވެ. "ރުސްލާން" ގެ ކާސްޓްގައި ސުނިލް ޝެޓީ އާއި ޖަގަޕަތީ ބާބޫގެ އިތުރުން ވިދިއާ މަލްވަޑޭ ވެސް ހިމެނެ އެވެ.