Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އޭވިއޭޝަން ދާއިރާ އަށް ހަލުވި ކުރިއެރުންތަކެއް ލިބިއްޖެ

މި ސަރުކާރުގެ ހަތަރު މަހުގެ ތެރޭގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަށް ހަލުވި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އޭނަ އެ ގޮތަށް ވިދާޅުވީ ރާއްޖޭގައި އަލަށް ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއި ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފުން އެއާކޯ އުފައްދައި ޑްރޯމް ބޭނުން ކުރަން ފެށުމާއި ޕްރައިވެޓް އެއާލައިނެއް ކަމަށްވާ މަންޓާ އެއާ އިން ރާއްޖެ އިން ބޭރަށް ދަތުރު ފެށުމުގެ އިތުރުން މޯލްޑިވިއަނުން ވައިޑްބޮޑީ ބޯޓްތައް ބޭނުން ކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަން ފާހަގަކުރައްވަ އެވެ.

އަމީން ވިދާޅުވީ މިކަންކަމުގެ ހުރިހާ ވެސް ޝުކުރެއް ހައްގު ވަނީ ހަރުދަނާ ތަސައްވުރަކާ އެކީ ޕްލޭން ކުރައްވައިގެން ކަންކަން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ.

"މިހާރު ތައްޔާރުވަމުން މި އަންނަނީ ވައިގެ ދަތުރުތަކަށް ވައިޑްބޮޑީ ބޯޓްތައް ބޭނުން ކުރަން ފެށުމަށް. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އަލަށް އެއާ އެމްބިއުލާންސްގެ ހިދުމަތާއި ޑްރޯންގެ ހިދުމަތް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.