Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

"ސުޕަ ސޯލްޖާ" އަށް ތައްޔާރުކަމުގެ އިޝާރާތެއް

ކެޓްރީނާ ކައިފް ހިމަނައިގެން ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" ގެ މަސައްކަތް ވަރަށް އަަހަށް ފަށާނެކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ދީފި އެވެ.

ފިތުރު އީދު ދުވަހު ރިލީޒްކުރާ އޭނަގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވައުއެއްގައި އަލީ ބުނީ ފިލްމުގެ ސްކްރިޕްޓް ވެސް އޮތީ ނިމިފައި ކަމަށެވެ.

"މީގެ ދެ ދުވަހެއް ކުރިން ވެސް މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އަހަންނާއި ކެޓްރީނާ މަޝްވަރާތަކެއް ކުރިން." އޭނަ ބުންޏެވެ.

އަލީ ބުނީ އޭނަ ދެން ހަދާނެ ފިލްމަކާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ހުރިހާ މަސައްކަތަކުން އަތްދޫކޮށްލުމަށް ފަހު ކަމަށެވެ. އެހެންވެ ފަހަރުގައި ދެން ހަދާ ފިލްމަކީ "ސުޕަ ސޯލްޖާ" އަށް ވެދާނެ ކަމަށް ބުންޏެވެ.

"އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން. އެކަމަކު ވަރަށް އަވަހަށް އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާނަން." އަލީ ބުންޏެވެ.

ކެޓްރީނާ އާއި އަލީ އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ 2019 ގެ "ބާރަތު" އެވެ. އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާ ހޭ" އާއި "މޭރޭ ބްރަދާ ކީ ދުލްހަން" ހިމެނެ އެވެ.

"ސުޕަ ސޯލްޖާ" ގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ 2020 ގެ ތެރޭގަ އެވެ. އޭރު މީޑިއާތަކުން ބުނެފައި ވަނީ މިއީ ނެޓްފްލިކްސްއާ ގުޅިގެން ދެ ބަޔަކަށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ.