Last Updated: May 2, 15:21
Thursday, May 2, 2024
ދުނިޔެ

މެކްސިކޯ އާއި އިކްއެޑޯގެ ގުޅުން ނިމުމަކަށް

އިކްއެޑޯގެ ކުރީގެ ނައިބު ރައީސް ޖޯޖް ގްލަސް.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިކްއެޑޯގައި ހުންނަ މެކްސިކޯގެ އެމްބަސީން ހިމާޔަތް ހޯދައިގެން އުޅޭ އިކްއެޑޯގެ ކުރީގެ ނައިބު ރައީސް ޖޯޖް ގްލަސް ހައްޔަރުކުރަން އެމްބަސީ އަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަން މައްސަލާގައި އިކްއެޑޯއާ ސިޔާސީ ގުޅުން ކަނޑައިލަން މެކްސިކޯ އިން ނިންމައިފި އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް އެންޑްރޭސް މެނުއެލް ލޮޕޭޒް އޮބްރާޑޯ ވިދާޅުވީ އެމްބަސީ އަށް ގަދަބާރުން އިކްއެކްޑޯ ފުލުހުން ވަނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ވަގުތެއްގައި ފުލުހުން އެމްބަސީ އަށް ވަދަގެނެ، ގްލަސް ހައްޔަރުކުރީ އޭނަ ހައްޔަރު ކުރަން ނެރެފައިވާ ކޯޓް އަމުރަކާ ގުޅިގެންނެވެ. ގްލަސް އަކީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތަކެއް ކުރެވޭ ބޭފުޅެކެވެ. އެގޮތުން ބެރްޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޮޑެބްރެޗުން އޭނަ 13.5 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ މައްސަލައެއްގައި މިދިޔަ އަހަރު ހަ މަހަށް ޖަލަށް ވެސް ލި އެވެ.

އަދި ޖަލުން ދޫކުރީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިކްއެޑޯގައި ހުންނަ މެކްސިކޯ އެމްބަސީން އޭނަ ހިމާޔަތް ހޯދީ ޑިސެމްބަރު މަހު ތެރޭގަ އެވެ. ގްލަސް ނައިބު ރައީސްކަން ކުރެއްވީ 2013-2017 އަށެވެ.

ގްލަސް ހައްޔަރުކުރުމާ ގުޅޭ ގޮތުން އިކްއެޑޯގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމަކީ މިނިވަން މުސްތަގިއްލު ހަމަ އާއި އިންސާފު ދަމަހައްޓަމުން އަންނަ ގައުމެއް ކަމަށެވެ. އެހެންވެ އެއްވެސް ކުށްވެރިއަކަށް މިނިވަންކަމާ އެކީ ނޫޅެވޭނެ ކަމަށް ބުންޏެވެ.