Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

"ހީރާމަންޑީ" ގެ ފިރިހެން ކާސްޓް ދައްކާލައިފި

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ މަހު ނެޓްފްލިކްސް އަށް ދޫކޮށްލަން ހަމަޖެހިފައިވާ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ފިރިހެން ކާސްޓުން ދައްކާލައިފި އެވެ.

މިހާތަނަށް މީގެ ފިރިހެން ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް މިއަދު ވަނީ ސީރީޒްގެ މައިގަނޑު ހަތަރު އެކްޓަރުންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވަކިވަކިން ދައްކާލައިފަ އެވެ. މީގެ ތެރޭގައި މާ މަޝްހޫރު ތަރިންނެއް ނެތެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ފިލްމީ މަސައްކަތްތަކާ ދުރުގައި ގިނަ އަހަރުތަކެއް ވަންދެން ހުރުމަށް ފަހު އެނބުރި އަލުން އެކްޓިން އަށް ނުކުތް ފަރުދީން ޚާނެވެ.

"ހީރާމަންޑީ" ގައި އޭނަ ފެންނާނީ ވާލީ މުހައްމަދުގެ ރޯލުންނެވެ.

ފިރިހެން ކާސްޓްގައި ދެން ހިމެނެނީ ޝޭކަރު ސުމަން އާއި އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަންގެ އިތުރުން ތާހާ ޝާހެވެ. ޝޭކަރްގެ ކެރެކްޓާގެ ނަމަކީ ޒުލްފިކާރެވެ. އަދިޔަޔަން އަކީ ޒޮރާވަރެވެ. އަދި ތާހާ ފެންނާނީ ތަޖްދާރުގެ ރޯލުންނެވެ.

"ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިއާންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ މައިގަނޑު ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ޝަރުމިން ސޭގަލް އަދި ސަންޖީދާ ޝެއިހެވެ.

މި ދެ ތަރިންނާކީ ސީރީޒްގެ ޓީޒާއަކާއި ދެ ލަވައެއް މިހާތަނަށް އާންމުކޮށްފައިވެ އެވެ.

ނެޓްފްލިކްސް އިން "ހީރާމަންޑީ" ޕްރީމިއާކުރާނީ އަންނަ މަހުގެ 1 ގަ އެވެ.