Last Updated: May 6, 06:06
Monday, May 6, 2024
ރިޕޯޓް

ރޯދަ ރަހަ: ޗޮކްލެޓް ޗީޒް ކޭކް

"ބޭނުންވާ ތަކެތި:

ބިސްކޯދު ބޭސް ތައްޔާރު ކުރުމަށް

150 ގްރާމް މަލިބާން ޗޮކްލެޓް މާރީ ބިސްކޯދު
¼ ޖޯޑު ދިޔާކޮށްފައި ހުރި ބަޓަރ
ކްރީމް ޗީޒް މިކްސްއަށް
400 ގްރާމް ކްރީމް ޗީޒް
3/2 ޖޯޑު އައިސިން ޝުގާ
3/2 ޖޯޑު ވިޕިންގް ކްރީމް
3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަ

ޗީޒްކޭކްގެ މައްޗަށް އެޅުމަށް

100 ގްރާމް ޑާރކް ޗޮކްލެޓް
3/1 ޖޯޑު ވިޕިންގް ކްރީމް

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ 150 ގްރާމްގެ މަލިބާން ޗޮކްލެޓް މާރީ ބިސްކޯދު ހަތަރު ފަޅިއަށް ކުދިކޮށްލާށެވެ. ދެން ބިސްކޯދުކޮޅު މިކްސަރ އަކަށް އަޅާފަ ހިމުން ވަންދެން މުގުރާށެވެ.
2. މުގުރާފަ ހުރި ބިސްކޯދާއި ¼ ޖޯޑު ދިޔާކޮށްފަ ހުރި ބަޓަރ ތަށްޓަކަށް އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. ޗީޒްކޭކް މައްޗަށް އެޅުމަށް އެއިން 2 މޭޒުމަތީ ސަމުސާ ވަކިން ނަގާފަ ބަހައްޓާލާށެވެ.
3. ދެން ބޯތަށްޓަކަށް 400 ގްރާމް ކްރީމް ޗީޒް އަޅާލާށެވެ. އެ މަޑުވެ އޮމާން ވަންދެން ނުވަތަ 1 މިނެޓް ވަންދެން ހޭންޑް މިކްސަރ އަކުން ގިރާލާށެވެ.
4. އެއަށްފަހު 3/2 ޖޯޑު އައިސިންގް ޝުގާ އެއަށް އަޅާފަ އެއްވަންދެން ގިރާލާށެވެ.
5. ދެން ވަކިން އެހެން ބޯތަށްޓަކަށް 3/2 ޖޯޑު ވިޕިންގ ކްރީމް އަޅާލާފަ، ހޭންޑް މިކްސަރ އިން "ސޮފްޓް ޕީކްސް" ހެދެންދެން ގިރާށެވެ. (ސޮފްޓް ޕީކްސް ހެދުން ކަމަށް ބަލާނީ ގިރާއެތި ކްރީމް ގަނޑުގެ ތެރެއިން ނަގާއިރު އޭގައި ކްރީމް ނިކަން ފަސޭހައިން ސޮއްސައިގެން ދާވަރަށް ހަރުވެފައި ހުންނަ ވަރުވީމައެވެ).
6. ވިޕްޑް ކްރީމްގެ ތެރެއަށް ކޮކޯ ޕައުޑާރ ކޮޅު އަޅާފަ ރަނގަޅަށް އެއްވަންދެން މިކްސްކުރާށެވެ.
7. ދެން ކުރިން ތައްޔާރުކޮއަފައި ހުރި ކްރީމް ޗީޒްގަނޑަށް ދެންމެ ހެދި ވިޕްޑް ކްރީމްގަނޑު އަޅާލާށެވެ. ދެން ސަމުސަލަކުން މަޑުމަޑުން ދެ ކްރީމް އެއްކޮއްލާށެވެ. މާ ގިނައިރު ވަންދެން އެއްކުރާކަށް ނުޖެހޭނެއެވެ.
8. ވަށް ކޭކް އަޅާ ތަބަކެއް ނަގާފަ އޭގެ ތެރެއަށް ބޭކިންގ ޕޭޕާރ ލާށެވެ. އަހަރުމެން ބޭނުން ކުރީ ޑަޔަމީޓަރުގައި ހުންނަ 7 އިންޗި އަދި ފުން މިނުގައި 3 އިންޗި ހުރި ތަބަކެކެވެ.
9. އެއަށްފަހު ކުރިން މުގުރާ ބަޓަރާ އެއްކުރި މަލިބާން ޗޮކްލެޓް މާރީ ބިސްކޯދުކޮޅު ތަބަކުގެ ތެރެއަށް އަޅާފަ ސަމުސަލަކުން ތަބަކުގެ ތިރި ފޮރުވި ފަށަލައަކަށް ވާގޮތަށް އެއަށް އޮއްބަމުން އެއްވަރު ކުރާށެވެ.
10. އެއަށްފަހު ޗޮކްލެޓް ކްރީމްކޮޅު އޭގެ މައްޗަށް އަޅާލާށެވެ. ދެން އަނެއްކާވެސް ސަމުސަލަކުން މަތި އޮމާން ކޮއްލުމަށްފަހު 15 މިނެޓް ވަންދެން އައިސްއަލަމާރީގެ ގަޑުކުރާބަޔަށް ލާފަ ފިނިކުރާށެވެ.
11. ދެން ކުޑަ ތެއްޔަކަށް 100 ގްރާމް ޑާރކް ޗޮކްލެޓްއާއި 3/1 ޖޯޑު ވިޕިންގ ކްރީމް އަޅާށެވެ. މެދު ގިނީގައި ހަލަމުން 3 މިނެޓް ވަންދެން ނުތަ ޗޮކްލެޓްކޮޅު ގިރި، ކްރީމް އާއި އެއްވަންދެން ކައްކާށެވެ.
12. ޗީޒް ކޭކް ފިނިވުމުން ގަނޑުކުރާ ބައިން ނަގާފަ އޭގެ މައްޗަށް ދެންމެ ތައްޔާރު ކުރި ދިޔާ ޗޮކްލެޓް ކްރީމް އަޅާލާށެވެ.
13. ދެން ކުރިން ވަކިން ބެހެއްޓި 2 މޭޒުމަތީ ސަމުސާ މަލިބާން ޗޮކްލެޓް މާރީ ބިސްކޯދުކޮޅު ޗީޒް ކޭކް މައްޗަށް އަޅާލާށެވެ. ދެން މަދުވެގެން 2 ގަޑިއިރު ވަންދެން ޗީޒްކޭކު ފްރިޖަށް ލައިގެން ސެޓް ކުރާށެވެ. މިފަހަރު ލާންޖެހޭނީ ގަޑުކުރާބަޔަކަށް ނޫނެވެ.

ރެސިޕީ: ލޮނުމެދު