Last Updated: April 29, 22:11
Tuesday, April 30, 2024
ކުޅިވަރު

އާސެނަލް އަލުން އެއް ވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 3-0 އިން މޮޅުވެ، އާސެނަލް ލީގުގެ އެއް ވަަނަ އަށް އަލުން އަރައިފި އެވެ.

ރޭގެ މޮޅާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ 31 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 31 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ބްރައިޓަން ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ލީޑު ނެގީ ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މިއީ ބްރައިޓަންގެ ތޯރިގު ލަމްޕްޓީ އޭރިއާތެރެއިން އާސެނަލްގެ ގެބްރިއެލް ޖީސޫސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ޖޯޖީނިއޯ ދިން ބޯޅއަކުން އޭރިއާތެރޭގައި ހުރެ ކައި ހަވާޓްޒް އެވެ.

އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ލިއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑް އަކީ ބްރައިޓަން ދޫކޮށް އާސެނަލްއާ ގުޅުނު ކުޅުންތެރިއެކެވެ.

ލީގުގައި ރޭ ސިޓީން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް 4-2 އިން ބަލިކޮށްފަ އެވެ. ސިޓީން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އާލިން ހާލަންޑް އާއި ރިކޯ ލުވިސް އެވެ. ޕެލެސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މަޓޭޓާ އާއި އެޑުއާޑް އެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 7:30 ގަ އެވެ.