Last Updated: May 1, 18:05
Wednesday, May 1, 2024
ޚަބަރު

ކުލަތަކުން ދިއްލާލުމަކީ އުފާ ކުރަން ޖެހޭ ކަމެއް

ކުރިއަށް އޮތް ފިތުރު އީދު ފާހަގަކުރުމަށްޓަކައި މާލެ ސަރަހައްދާއި މުޅި ރާއްޖެ ކުލަބޮކިތަކުން ދިއްލައިލަން ސަރުކާރުން މަސައްކަތް ކުރާތީ އެކަމަށް ޝެއިހް ޒައިދު ތައުރީފުކޮށްފި އެވެ.

ދިއްލާފައިވާ ބޮކިތަކެއްގެ ވީޑިއޯކޮޅަކާ އެކީ އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ މަގުތަކުން މިހާރު ފެންނަނީ އުފާވެރިކަން ކަމަށެވެ.

"އިސްލާމީ ސޮސައިޓީއެއްކަން ރަޒްމުކޮށްދޭ އެކި ކުލަތަކާއި ލައިޓްތަކުން ޖަރީވުމަކީ އުފާކުރުން ހައްގު ކަމެއް،" ޒައިދު ވިދާޅުވި އެވެ. "ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު."

އޭނަ ވިދާޅުވީ ޑީޖޭތަކާއި ނައިޓްތަކަށް ހާއްސަ ލައިޓްތައް ހުންނަ ގޮތަށް އިސްލާމީވަންތަ ލައިޓްތައް ނުހުންނަންވީ ސަބަބެއް ނެތް ކަމަށެވެ.

އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ފިތުރު އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ކުލަބޮކިތަކުން މުޅި ރާއްޖެ ދިއްލައިލާނީ މާދަމާ ރެ އެވެ. އަދި އެކަން ކުރާނީ އެއް ވަގުތެއްގައި ކަމަށް ބުންޏެވެ.

މާލޭގައި މިކަން ފައްޓަވައި ދެއްވާނ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ އިސްލާމީ ސަގާފަތާ އެއްގޮތަށް އީދު ފާހަގަކުރަން އިލްތިމާސްކުރައްވައިފަ އެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.