އިބްރާހީމް އަލީ ޚާނާއި ހުޝީ ކަޕޫރް ލީޑް ރޯލަށް ލައިގެން މަސައްކަތް ފެށި ފިލްމު "ނާދާނިޔާން' ގެ ޝޫޓިން ނިންމައިފި އެވެ.
ޝޫޓިން ނިންމައިލި ވާހަކަ މީގެ ޑައިރެކްޓަރު ޝައުނާ ގޯތަމް އިއްޔެ އިންސްޓގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. މިއީ އޭނަގެ އަލަތު ފޗާ ފިލްމެވެ. "ނާދާނިޔާން" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ. މީގެ ޝޫޓިން އިއްޔެ އެއްކޮށް ނިންމައިލި އިރު، ފިލްމުގެ މަސައްކަތް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ނަމަވެސް މި ފިލްމު އަދި ދަރުމާ އިން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.
"ނާދާނިޔާން" ގެ މަސައްކަތް އިބްރާހީމް ނިންމައިލި އިރު، އޭނަ ބޮލީވުޑަށް ތައާރަފުކުރާނީ ދަރުމާ އިން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ސަރުޒަމީން" އިންނެވެ. ކެޔޯޒް އިރާނީ ޑައިރެކްޓްކޮށް، ކާސްޓްގައި ކާޖޮލް އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނޭ މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރު އޮތީ ނިންމައިފަ އެވެ.
އިބްރާހީމަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޙާންގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭނަ އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެެއްބަފާ ކޮއްކޮ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ތައާރަފުވީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ. އޭނަ އަކީ ބަތަލާ ޖާންވީ ކަޕޫރާ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އަދި އެކްޓަރު އަރުޖުން ކަޕޫރްގެ އެއްބަފާ ކޮއްކޮ އެވެ.