Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ބުލީއާ ދެކޮޅަށް ދީނީ ހޭލުންތެރިކަން އުފައްދަނީ

ބުލީކުރުމުގެ މައްސަލަތަކާ ދެކޮޅަށް ދީނީ ގޮތުން ހޭލުންތެރިކަން އުފައްދަން ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރަސްދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އެހެން ދެ ކުއްޖަކު ބުލީކޮށް އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން މިހާރު ބަލަމުން އަންނަ އިރު، ޝަހީމް ވިދާޅުވީ ބުލީ ކުރުމުގެ މިމައްސަލަތަކަށް ޤައުމު ހޭލުންތެރި ކުރުވަން އިސްލާމިކް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އެކަމަށް މުޅި ޤައުމު ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރާނަން. މިގޮތުން ޚުޠުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން، މިފަދަ ނޭދެވޭ ކަންކަން؛ އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަ ކުރެއްވީއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން." ޝަހީމް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ފެށުނު ފަހުން ސްކޫލްތަކުން ބުލީގެ 26 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

ސްކޫލްތަކުގައި މިކަން އިތުރުވަމުންދާތީ ހައްލެއް ހޯދަން ކުރާ މަސައްކަތުގެ ދަށުން ސްކޫލްތަކަށް ކައުންސެލަރުން ތަމްރީނު ކުރަން ވަނީ ނިންމައިފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ރޭ ވިދާޅުވި އެވެ.