Last Updated: April 30, 11:23
Tuesday, April 30, 2024
ކުޅިވަރު

ފަހު ވަގުތު ޔުނައިޓެޑް އަތުން ލިވަޕޫލަށް ޕޮއިންޓެއް

ފަހު ވަގުތު މުހައްމަދު ސަލާހު ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ އެއްވަނަ އަށް އަރަން ލިވަޕޫލަށް ފުރުސަތު އޮތް ނަމަވެސް، މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 31 މެޗުން ލިބުނު 71 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން އެއްވަނައިގައި އޮތީ އާސެނަލް އެވެ. އާސެނަލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިންވަނައިގައި 31 މެޗުން 70 ޕޮއިންޓް ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ޑާވިން ނުނޭޒް ބޮލުން ދިން ޕާހަކުން ޔުނައިޓެޑްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ޑިއާޒް ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލަށް ފަހު ވެސް ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ލިވަޕޫލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ 50 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ކުއަންސާ އަށް ހެދުނު ގޯހެއް ފައިދާ ނަގައި ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި ކޯބީ މައިނޫ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މައިނޫ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ އޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލާއެކު ޔުނައިޓެޑް މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ލިވަޕޫލްގެ ހާވީ އެލިއޮޓަށް ޔުނައިޓެޑްގެ ޑިފެންޑަރު ވެންބިސާކާ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.

ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލާފައިވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ޔުނައިޓެޑް ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.