Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

މުއިއްޒަކީ ހީނުކުރާ ވަރުގެ މަކަރުވެރިއެއް: އާޒިމް

ރާއްޖޭގެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހީނުކުރާ ވަރުގެ މަކަރުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުގެ ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ މުއިއްޒަކީ އެއްވެސް ހާލެއްގައި އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ މުއިއްޒަކީ ދޮގާއި މަކަރާއި އޮޅުވާލައިގެން ކަންކަން ކުރައްވާ ބޭފުޅެއްކަން ސިޔާސީ ހުރިހާ އެންމެން ވެސް ދަންނަ ކަމަށެވެ.

އެހެންވެ މި ސަރުކާރަށް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އެއް ލިބިއްޖެ ނަމަ ރައީސް މުއިއްޒު ކަންކަން ކުރައްވާނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ވާނެ ކަމަށެވެ.

"އޭރުން ހުދުމުހުތާރު ވެރިކަމެއް މި ރާއްޖޭގައި ކުރާނީ. އެއްވެ އުޅުމުގެ މިނިވަން ކަމެއް ނޮއޮންނާނެ. ދެ މީހަކު އެއްވެ އެއްޗެއް ބުނުމުގެ ފުރުސަތެއް ވެސް ނުލިބޭނެ. ވަރަށް ބިރުވެރި ހާލަތަކަށް ވެއްޓޭނެ މި ރާއްޖެ." އާޒިމް ވިދާޅުވި އެވެ.

ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވައި އާޒިމް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތައް ސަރުކާރުން ފުއްދަމުން ނުދާތީ އާންމުން މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސް ކަމެއްގެ ތެރޭގައި ކަމަށެވެ.