Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ހިމާޔަތްކޮށްފައި ސަރަހަދުތަކުން ވެލި ނަގަން ހުއްދަ ދެނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުންތަކުން ބިން ހިއްކުމަށް ވެލި ނަގަން ހުއްދަދީ ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދުގައި މިހާރު ބުނެފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާއި 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާކަމެއް ނަމަވެސް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ވެލި ނެގިދާނެ ކަމަށެވެ.

އިސްލާހުގައިވާ ގޮތުން އެފަދަ މަސައްކަތެއް ކުރަންވާނީ މަޝްރޫއު ރާވާ ހިންގާ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށް ފަހު ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެވެ.

އޭގެތެރޭގައި އެތަނެއްގައި ހުރި ދިރުންތަކާއި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުމާއި އެތަނެއްގައި ހުރި ނެތިފަނާވެ ދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވާ އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅާ އެ ޕްލޭން ފާސްކުރުމާއި ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިތުރުން ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް އެ ރަށުގައި ގާއިމް ކުރުން ހިމެނެ އެވެ.

މި ގަވާއިދުގައި ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާއި 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.