Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

ސުވަރުގެ ވަދެވޭނެ މަގެއް ބުނެދެންތަ؟

މުޢާޛު ބުން ޖަބަލު رضي الله عنه ނަބިއްޔާ ﷺ އާއި ސުވާލު ދެންނެވިއެވެ.

”އޭ ﷲގެ ރަސޫލާއެވެ. (އެ ޢަމަލެއް ކުރުމުން) ސުވަރުގެ ވަދެވި އަދި ނަރަކައިން ދުރު ކުރެވޭނެ ޢަމަލެއް ތިމަން ކަލޭގެފާނަށް ޚަބަރު ދެއްވަބަލާށެވެ.“

މި ސުވާލު ދެންނެވުމުން ނަބިއްޔާ ﷺ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން ތި ސުވާލު ދެންނެވީ ވަރަށް ބޮޑު ކަމަކާއެވެ. އެހެންނަމަވެސް ﷲ ތަޢާލާ ފަސޭހަ ކޮށްދެއްވައިފި މީހަކަށް އެއީ ވަރަށް ފަސޭހަ ކަމެކެވެ.“

މި ކަމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި އެވަނީ ސުވަރުގެ ވަދެވި އަދި ނަރަކައިން މިންޖު ވުމަށްޓަކައި ﷲ ތަޢާލާ އަމުރު ކުރައްވާފައިވާ ކޮންމެ ކަމެއް ކުރަން ޖެހެއެވެ. އަދި އެއިލާހު އެކަމަކުން ނަހީ ކުރައްވާފައިވާ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހެއެވެ. ފަހެ މިއީ ނަފްސުތަކަށް ވަރަށް ބޮޑު އަދި އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން ﷲ ތަޢާލާ މިކަން ފަސޭހަ ކޮށްދެއްވައިފި ކޮންމެ މީހަކަށްވެސް މިއީ ވަރަށް ފަސޭހަ ކަމެކެވެ.

ދެން އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ. ”ތިބާ ﷲ އަށް އަޅުކަން ކުރާށެވެ. އަދި ތިބާ އެއިލާހަށް ޝަރީކު ނުކުރާށެވެ. އަދި ތިބާ ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތް ދޭށެވެ. އަދި ރަމަޟާން މަހުގެ ރޯދަ ހިފާށެވެ. އަދި ޙައްޖު ވާށެވެ.“

ދެން ޙަދީޘް ކުރެއްވިއެވެ. ”ކަލޭގެފާނަށް ހެޔޮކަންކަމުގެ ދޮރާށި ތަކާއި ބެހޭގޮތުން ބުނެދެއްވަން ތޯއެވެ؟“

މާނައަކީ ހެޔޮކަންކަމަގެ މަގާއި އަދި އެކަންކަމަށް ވާޞިލު ވެވޭނޭ ގޮތް ބުނެދެއްވަން ތޯއެވެ. މިތަނުގައި ހެޔޮކަންކަމުގެ މުރާދަކީ ދުނިޔޭގެ ކާމިޔާބާއި އަދި އާޚިރަތުގެ މަތިވެރިވެގެންވާ ނިޢުމަތްތަކެވެ.

މުޢާޛު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާ އެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!).“

އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ. ”ރޯދަ އަކީ އައްޑަނައެކެވެ.“

މާނައަކީ ރޯދައަކީ ދުނިޔަވީ ޝަހުވަތް ތަކުންނާއި އަދި އާޚިރަތުގެ ޢަޛާބުން އަޅާއަށް ވާ ހުރަހަކާއި ރައްކާތެރިކަމެކެވެ. މިތަނުގައި މިވާ ރޯދަ އަކީ ސުންނަތް ރޯދަ ތަކެވެ. ސަބަބަކީ ރަމަޟާން މަހުގެ ރޯދައިގެ ވާހަކަ އެންމެ ފުރަތަމަ ބައިގައި ނަބިއްޔާ ﷺ އެވަނީ ބަޔާން ކޮށްދެއްވާފައެވެ. ފުރަތަމަ ބައިގައި އެވަނީ ސުވަރުގެ ވަދެވި ނަރަކައިން މިންޖު ވުމަށްޓަކައި ކޮންމެހެން ލާޒިމު ޢަމަލު ތަކެވެ.

ދެން ޙަދީޘް ކުރެއްވިއެވެ. ”އަދި ފެން އަލިފާން ނިއްވާލާ ފަދައިން ޞަދަޤާތް ފާފަތައް ފޮހެލައެވެ.“

މާނައަކީ ޞަދަޤާތުގެ ސަބަބުން ފާފަތައް ފޮހެވިގެން ދެއެވެ. މިތަނުގައިވެސް މިވަނީ ސުންނަތް ޞަދަޤާތް ތަކެވެ. ފަރުޟު ވެގެންވާ ޒަކާތުގެ ވާހަކަ ފުރަތަމަ ބައިގައި ބަޔާންވެ ގޮސްފިއެވެ.

ދެން ޙަދީޘް ކުރެއްވިއެވެ. ”އަދި ރޭގަނޑުގެ ތިން ބައިން ފަހުބައިގައި ކުރާ ނަމާދުވެސް (ދަމު ނަމާދު) އެފަދައެވެ.“

މިފަދައިން ޙަދީޘް ކުރައްވައި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ * فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ

މާނައީ: ”އެބައިމީހުންގެ ރައްބަށް ބިރުވެތިވެ އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންއިލާހު ދެއްވި ތަކެތިން އެބައިމީހުން ހޭދަކޮށް އުޅެއެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ޖަޒާއެއް ކަމުގައެވެ.“

سورة السجدة 1716

އެއަށްފަހު އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ. ”ހުރިހާ ކަމެއްގެ އެންމެ އިސް ކަމާއި އަދި އޭގެ ތަނބާއި އަދި އޭގެ ކުރިބޯއްޓާއި ބެހޭގޮތުން ކަލޭގެފާނަށް ޚަބަރު ދެއްވަން ތޯއެވެ؟“

މާނައަކީ ދީނުގެ އެންމެ އިސް ކަމާއި އަދި އެ ދީން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެވެ.

މުޢާޛު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާ އެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!).“

އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ. ”ދީނުގެ އެންމެ އިސް ކަމަކީ އިސްލާމު ކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ.“

ދެން ޙަދީޘް ކުރެއްވިއެވެ. ”އެ ހުރިހާ ކަމަކަށް ބާރުވެރި ކޮށްދޭނެ ކަމެއް ކަލޭގެފާނަށް ބުނެދެއްވަން ތޯއެވެ؟“

މުޢާޛު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲގެ ރަސޫލާ އެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!).“

ނަބިއްޔާ ﷺ އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި ވިދާޅުވިއެވެ. ”ތިބާ މީތި ހިފަހައްޓާށެވެ.“

މާނައަކީ ދޮގު ހެދުމާއި، ﷲ އަށް ޝިރުކު ކުރުން ހިމެނޭ ފަދަ ވާހަކަ ދެއްކުމާއި، ދޮގު ހެކިބަސް ދިނުމާއި، ޢިލްމެއް ނެތި ﷲ ތަޢާލާ ނުވަތަ އެއިލާހުގެ ދީނާ ގުޅޭ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ފާޙިޝް ވާހަކަ ދެއްކުމާއި، އެއްވެސް ފައިދާއެއް ނެތް ބޭކާރު ވާހަކަ ދެއްކުމާއި އަދި މިފަދަ ޙަރާމް ވެގެންވާ އެންމެހާ ކަމަކުން އެ ދޫ ރައްކާތެރި ކުރާށެވެ. އަދި ވާހަކަ ދައްކާނަނަ ހެޔޮ ބަހެއް މެނުވީ ނުބުނާށެވެ.

ދެން މުޢާޛު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲގެ ނަބިއްޔާއެވެ! ދުލުން ދައްކައި އުޅޭ ވާހަކައިގެ ސަބަބުން އަޅަމެންނަށް ޢުޤޫބާތް ދެވޭނެ ތޯއެވެ؟“

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. ”ތިބާގެ މަންމައަށް ތިބާ ގެއްލި ދާށެވެ!“

(މިއީ ބަދު ދުޢާއެއް ނޫނެވެ. ނަމަވެސް މިއީ ކަމެއްގެ މުހިއްމުކަމާއި ބޮޑުކަން ބަޔާން ކޮށްދިނުމަށް ޢަރަބިން ބޭނުންކޮށް އުޅޭ ޢިބާރާތެކެވެ.)

އަދި ޙަދީޘް ކުރެއްވިއެވެ. ”މީސްތަކުން މޫނުވަތަށް -ނުވަތަ ނޭފަތް ވަތަށް- ނަރަކައަށް ވައްޓައި ލެވެނީ އެމީހުންގެ ދުލުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން ނޫން އެހެން ކޮންކަމަކުން ހެއްޔެވެ؟!“

مسند أحمد وسنن النسائي وسنن ابن ماجه.

މި ޙަދީޘުން ލިބިދޭ ބައެއް ފައިދާ ތަކުގެ ތެރޭގައި އަޅާ އިސްލާމު ކަމުގެ ރުކުންތައް ފުރިހަމަކޮށް އޭގެ މަތީގައި ދެމި ހުރުމަކީ ސުވަރުގެ ވަދެވި އަދި ނަރަކައިން ދުރު ކުރެވޭނެ ކަމެއްކަން އެނގިގެން ދެއެވެ. އަދި އިންސާނާ ނަރަކައަށް ވައްދާ ކޮންމެ ކަމެއްގެ އަސްލަކީ އޭނާގެ ދޫ ކަމުގައިވެސް އެނގިގެން ދެއެވެ.

الموسوعة الحديثية/الدرر السنية

އަޅުގަނޑުމެން އެންމެންނަކީވެސް الله ތަޢާލާގެ އުޑުތަކާއި ބިންފަދަ ތަނަވަސްވެގެންވާ ސުވަރުގެ ލިބިގެންދާނެ ބައެއްކަމުގައި ލައްވާށި!

މަސްދަރު: އިލްމު.އެމްވީ