Last Updated: May 2, 10:44
Thursday, May 2, 2024
ދުނިޔެ

މާ އަވަސް އަދި މާ ލަސް މިއުޒިކް މަނާކޮށްފި!

މާ އަވަސްކޮށް އަދި މާ ލަސްކޮށް ހުންނަ މިއުޒިކްގެ ހުރިހާ ބާބަތެއް ޗެޗްނިއާގައި މަނާކޮށްފި އެވެ.

އެގޮތަށް ނިންމާފައިވާކަން އިއުލާން ކުރެއްވީ އެ ގައުމުގެ ކަލްޗަ މިނިސްޓަރު މޫސާ ދަދަޔޭވް އެވެ. އެ ނިންމުމާ ގުޅޭ ގޮތުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ މިނިޓެއްގެ ތެރޭގައި ޓެމްޕޯ ރޭންޖް 80-116 އާ ދެމެދު ހުންނަ މިއުޒިކްގެ ހުރިހާ ބާވަތެއް ޗެޗްނިއާގައި މަނާވާނެ ކަމަށެވެ.

މި ނިންމުމާ އެކީ ޕޮޕް އަދި ޓެކްނޯ ސްޓައިލް ފަދަ މިއުޒިކްތައް އެއްކޮށް ޗެޗްނިއާގައި މަނާވާނެ އެވެ.

މިނިސްޓަރު މޫސާ ވިދާޅުވި ގޮތުގައި މާ އަވަސް އަދި މާ ލަސް މިއުޒިކް ޗެޗްނިއާގައި މަނާކުރީ އެ ގައުމުގެ އާދަކާދަތަކާއި ސަގާފާތާއި އާންމުން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް ޗެޗްނިއާގެ މިއުޒިކް ބައްޓަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އެ ގައުމުގެ އާދަކާދަތަކާއި ސަގާފަތް ދެމެހެއްޓުމަށް ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމަކީ ޗެޗްކިއާގެ އިސްވެރިޔާ ރަމްޒާން ކަދިއަރޯވްގެ ލަފާފުޅާ އެއްގޮތަށް ނިންމި ނިންމުމެއް." މޫސާ ވިދާޅުވި އެވެ.

ރަޝިއާގެ ކޮންޓްރޯލް ދަށުގައި އޮންނަ ޗެޗްނިއާގެ އާބާދީ ބޮޑު ބަޔަކީ މުސްލިމުންނެވެ. އެ ގައުމުގެ އާބާދީ އަކީ 1,510,824 އެވެ.