Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅެން: ސަންޖޭ

ސިޔާސީ އެއްވެސް ޕާޓީއަކާ ނުގުޅޭ ކަމަށާއި އަދި މި މަހު ފަށާ ލޯކް ސަބާ އިންތިހާބުގައި ވެސް ވާދަކުރަން ނޫޅޭ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތު ބުނެފި އެވެ.

މި މަހުގެ 19 ގައި ފަށާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބުގައި ހަރިއާނާ ސްޓޭޓްގެ ކަރްނަލް ދާއިރާގެ ގޮނޑި އަށް ސަންޖޭ، 64، ވާދަކުރާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް ދޮގުކޮށް އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އަހަރެން ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކައާ ބެހޭ ގޮތުން ބުނެލަން އޮތީ އޭގައި އެއްވެސް ހަގީގަތެއް ނެތޭ. އެއްވެސް ޕާޓީއަކާ ނުގުޅެން އަދި އިންތިހާބުގައި ވާދަކުރާކަށް ވެސް ނޫޅެން." ސަންޖޭ ބުންޏެވެ.

އޭނަ ބުނީ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ނަމަ އަދި އިންތިހާބެއްގައި ވާދަކުރަން އުޅޭ ނަމަ އިސްވެ އެކަން އަމިއްލަ އަށް އިއުލާން ވެސް ކުރާނެ ކަމަށެވެ.

ސަންޖޭގެ ދެ ކޮއްކޮއިން ތެރެއިން ޕްރިޔާ ދަތަކީ ސިޔާސީ ދާއިރާގައި ހަރަކާތްރެރިވަމުން އަންނަ މީހެކެވެ. ކޮންގްރެސް އަށް ނިސްބަތްވާ ޕްރިޔާ ދެ ދައުރެއްގައި ލޯކް ސަބާގެ މެންބަރުކަން ކޮށްފައިވެ އެވެ. މަރުވެފައިވާ ސަންޖޭގެ މައިންބަފައިން އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސުނިލް ދަތާއި ނަރުގިސް އަކީ ވެސް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބައެކެވެ.

ލޯކް ސަބާގެ އިންތިހާބު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ގަ އެވެ. މި އިންތިހާބު ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ލޯކް ސަބާ އިންތިހާބުގައި ވާދަކުރަން ނިންމި ފިލްމީ ތަރިންގެ ތެރޭގައި ބީޖޭޕީގެ ޓިކެޓްގައި ވާދަކުރާ ބަތަލާ ކަންގަނާ ރަނާވަތު ހިމެނެ އެވެ.