Last Updated: April 27, 06:22
Saturday, April 27, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު (1)

ވާހަކައަށް ތަން ހޯދައިލުން

ކޮނުނު ވަރަކަށް ފަސް ގިނަވާނެ އެވެ. ކޮނެގެން ނަގާ ފަހަށް މީސްތަކުން ކިޔައި އުޅެނީ ތާރީޚެވެ. ނިކަމެތި އަޅާ މި އުޅެނީ ފަސްކޮޅެއް ބުރުވައިލާން ކަމަށެވެ. މި ނިޔަތުގައި ލިޔާންކަމަށް ގަސްތު ކުރަނީ މިނިކާރާއްޖޭގެ ޖަޒީރާތަކުގެ ތެރެއިން ހުޅުދުސްތާނުގެ ކޮއްޔާގެ އޭ ކިޔުނު ގޭގެ ވަލީ މަހީދުގެ އައުރަ ކަޝްފުވެ އެންމެހައި މީސްތަކުންނަށް އޭނާގެ ވަތުބަތާން އެއްވެސް ހުރަހަކާއި ނުލައި ފެންނާން މެދުވެރިވި އެންމެހައި ސަބަބުތަކުގެ ވާހަކަ އެވެ.

ފަހެ މި ދެންނެވި ވަލީ މަހީދުގެ އައުރަ ހިމެނުނީ މިނިކާރާއްޖޭގެ އެންމެ ހުރުމަތްތެރިވެގެންވާ މާތް އައުރަ ކަމުގައެވެ. އޭނާގެ ރިދާގެ ހުދުކަމީ އިހަށްވެސް އަދި އޭގެ ފަހަށް ވެސް އެފަދަ ހުދުކަމެއް މީސްތަކުންނަށް ފެނިފައި ނެތްވަރުގެ ހުދުކަމެކެވެ. އަމަލުގެ ކަޅުކަން ކިތަންމެ ބޮޑުކަމަށް ވިޔަސް ރިދާ ހުދުވީމާ އެ އަމަލުވެސް ހުދު ކާފޫރަށް ވެޔޯލަ އެވެ.
އާނއެކޭ އާނއެކޭ ކޮއްޔާގެ ވަލީ މަހީދުގެ ހުދު ޖަނގިޔަލުގެ ވާހަކަ މިނިކާރާއްޖޭގެ ތާރީޚުގައި ލިޔަން ޖެހެނީ މި ސަބަބަށްޓަކަ އެވެ.

ދަރަޖަ އުފުލިގެން އައި ގޮތް

މިނިކާރާއްޖޭގައި ދުސްތޫރީ ހުކޫމަތެއް ގާއިމުކުރެވުނު ހިނދު އެ ދުސްތޫރުގައި ބަޔާންވެގެންވާ މައިގަނޑު އެއްކަމަކީ އިސްބަގޫލު ކޯޓެއް ގާއިމުކުރުމެވެ. ފަހެ މި ކޯޓަކީ މިނިކާރާއްޖޭގެ އަހުލުވެރިން އިހަށް ދެކިފައިވާ ޒާތުގެ ކޯޓެއް ނޫނެވެ. އިސްބަގޫލު ކޯޓު ވުޖޫދުކުރެވުނީ މަރުހަލާތަކަށް ބަހައިލައިގެންނެވެ.
އެންމެ ފުރަތަމައީ އިންތިގާލީ މަރުހަލާ އެވެ. ދެ އަހަރެއްހައި ދުވަހުގެ ދެމުމަކަށްފަހު ދެވަނައީ ދާއިމީ ކުރުމުގެ މަރުހަލާއެވެ. ކޮއްޔާގެ ވަލީ މަހީދު އިސްބަގޫލުންގެ ހަތް ވަނަ މީހާކަމުގައިވެ މާތްކަމާއި ޝަރަފުވެރިކަމުގެ ނާރެހަށް އުފުލިގެން ދިޔައީ މި މަރުހަލާގަ އެވެ.

ވާހަކަ އުފުލާ މީހުން ކިޔަތެވެ. މިނިކާރާއްޖޭގެ އޭރުގެ ކަލަމިންޖާ މިކަމާއި ނުރުހިގެންވެ އެވެ. ކަލަމިންޖާ ގަޝީދުގެ ހިތްޕުޅު ރުއްސައި އިސްބަގޫލު ދިގު ގޮނޑީގައި ފޫ ހަރައިލުމުގެ ޝަރަފު ވަލީ މަހީދަށް ދިނުމަށް މަގުފަހިކުޅައީ ބުރުހާނު ސަހުމީ ކިޔުނު ބޮނޑެކެވެ. މި ބުރުހާނަކީ އޭރު ބަސްހަރު އަޑުގަދަ މީހެކެވެ. ބޮޑުންގެ ދަރުބާރުގައި އައްޑުސްތާނޭ ކިޔޭ އިލާގާ ތަމްސީލުކުރާ ހަ މީހުންގެ ތެރެއިން އެކެކެވެ.

އެހެން މީހުންނަށް ވުރެ ބޮޑަށް ކަލަމިންޖާ އަށް ބަސް ދެންނެވުމުގެ މަގު މި ބުރުހާނަށް ހުޅުވިގެންވެ އެވެ. އެއީ ކަލަމިންޖާގެ ލަވަ ޕާޓީގެ ބެރުދުންމާރިތަކާއި މީނާ ހަވާލުވެފައިވާ ކަމުންނެވެ.

އިސްބަގޫލުންގެ ތެރޭގައި ވަލީ މަހީދު ހިމެނުމަށް މި ބީދައިން މަސައްކަތް ކުޅައުމުގައި ބުރުހާނުގެ ވެސް އަމިއްލަ އެދުމެއް އޮތެވެ. ބުރުހާނުގެ ނިޔަތަކީ އިސްބަގޫލު ނިޔާކުރުންތަކުގައި ކަލަމިންޖާގެ ލަވަ ޕާޓީގެ މަސްލަހަތު އިސްކުރާނޭ މީހަކު ބެހެއްޓުމާއި ބުރުހާނަށް އަހައި ބޯލަނބާނެ މީހަކު ހުރެގެން ބުރުހާނުގެ އެއް ދީނާރު ދެ ދީނާރަށް ހެދޭ ގޮތަށް ހުކުމްތައް ބައްޓަން ކުރާނެ ހާކިމަކު އުފެއްދުމެވެ. ފަހެ މިކަމަކީ ބުރުހާނަށް ނުހަނު ބޭނުންތެރިކަމެކެވެ.

މިނިކާރާއްޖޭގެ އެކި ބަގީޗާތައް ބާޒާރުގައި ދިޔައީ ވިކި ހުސްވަމުންނެވެ. މިބަގީޗާތަކަށް ބުރުހާނުގެ ލޯވެސް ދިޔައީ އަމާޒުވަމުންނެވެ. ބަގީޗާތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އެންމެ ފަހު ބަސް ބުނަނީ އިސްބަގޫލު ކޯޓުންނެވެ.

ސާދާގަރަކަށްވާން ބުރުހާނު ނުހަނު ބޭނުންމެ އެވެ. މި ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ބުރުހާނަށް ފެނުނު މީހަކީ ވަލީ މަހީދެވެ.

(ނުނިމޭ)