Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

ރަންބީރް ވަރުގަދަ ޓްރެއިނިންތަކެއްގައި

ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް ވަރުގަދަ ޓްރެއިނިންތަކެއްގައި އުޅޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އޭނަގެ ޓްރެއިނަރުގެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ތަފާތު އެކި ކަހަލަ ކަސްރަތުތައް ރަންބީރް ވަރަށް ފޯރީގައި ކުރާ ތަން ފެނިގެންދެ އެވެ. އޭނަ ހަށިގަނޑު ފިޓްކުރަން ކުރިއަށް ގެންދާ މި ޓްރެއިނިން އަކީ މިދިޔަ ހަފުތާގައި ޝޫޓިން ފެށި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" ގައި ކުޅޭ ކެރެކްޓާގެ ތައްޔާރީގެ ތެރެއިން ކުރިއަށް ގެންދާ ޓްރެއިނިންއެކެވެ.

ޓްރިލޮޖީއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ފިލްމުގައި ރަންބީރް ކުޅެނީ ހިންދޫންގެ ހުރާފީ ޝަހުސިއްޔަތު ރާމްގެ ރޯލެވެ.

ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީރަކީ އަބަދު ވެސް ފިޓްނެސް އަށް ވަރަށް އިސްކަންދޭ އެކްޓަރެކެވެ. އެގޮތުން ފިލްމެއްގައި ކުޅެން ޖެހޭ ކެރެކްޓާއަކަށް ހަށިގަނޑު ވަކި ގޮތަކަށް ބަހައްޓަން ޖެހޭ ނަމަ އެ ބަދަލެއް ގެންނަން އޭނަ އަބަދު ވެސް މަސައްކަތްކުރެ އެވެ.

އެގޮތުން މިދިޔަ އަހަރުގެ "އެނިމަލް" އާއި 2018 ގެ "ސަންޖޫ" އަކީ ރަންބީރް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައި ފިލްމުތަކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ހިމެނެ އެވެ. އެ ފިލްމުގެ ކާސްޓްގައި އާލިއާ އާއި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.