Last Updated: May 5, 17:23
Sunday, May 5, 2024
ޚަބަރު

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު މަދުވެއްޖެ

ލޯނުތަކަށް ފައިސާ ދައްކަން ހާއްސަކޮށްފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު 3.4 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 21 ގެ ނިޔަލަށް ސޮވަރިން ފަންޑަށް ޖަމާކޮށްފައި ވަނީ 233.2 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި 236.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެހެންވެ އަޅާކިޔާ އިރު 3.4 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

މި އަހަރު ސޮވަރިން ފަންޑަށް ޖަަމާކުރެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ.

ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ކުރީގެ ސަރުކާރު ނިމުނު އިރު ސޮވަރިން ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު 35 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށާއި އަހަރު ނިމެންވާއިރު ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލަކީ ވެސް ސޮވަރިން ފަންޑުގެ ބިލެވެ. އެ ބިލް މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ

އެނގުން މުހިންމު – ރާއްޖެ އިން ނަގާ ލޯނުތައް ދައްކަން ހާއްސަ ފަންޑެއްގެ ގޮތުގައި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ގަ އެވެ. ފަންޑް ފެށީ 1.1 ބިލިއަން ރުފިޔާއިންނެވެ.

އެ ފަންޑަށް މިހާރު ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އެވެ.