އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ އަށް ބޮޑު ވެބް ސީރީޒަކުން ފުރުސަތު ލިބިއްޖެ އެވެ.
މިހާރު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ސީރީޒަކީ ޕްރޮޑިއުސަރު ސަންދީޕް ސިންގް ޕްރޮޑިއުސްކުރާ "އަމަރުޕާލީ" އެވެ. މީގައި އަންކިތާ ކުޅޭނީ އިންޑިއާގެ ކުރީގެ ޖާރިއާއެއް ކަމަށްވާ އަމަރްޕާލީގެ ރޯލެވެ.
މި ސީރީޒްގެ މިއުޒިކް ހަދަން ހަވާލުކޮށްފައި ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ގެ ހިތްގައިމު މިއުޒިކް ތައްޔާރުކޮށް ދިން އިސްމާއީލް ދަރުބާރާ އެވެ.
ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން އާންމުންގެ ލޯބި ހޯދި އަންކިތާ ބުނީ "އަމަރުޕާލީ" ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނަ ދެން ޕްރޮޖެކްޓްތައް ހޮވާނީ ވަރަށް ފަރުވާތެރިކަމާ އެކީގައި ކަމަށެވެ. ކަލާސް ޓީވީގެ ރިއަލިޓީ ޝޯ "ބޮގް ބޮސް" ގެ 17 ވަނަ ސީޒަންގައި ވެސް މިދިޔަ އަހަރު ވާދަކުރި އަންކިތާ އެންމެ ފަހުން ފެނިގައި ވަނީ އެކްޓަރު ރަންދީޕް ހޫޑާ ކުޅެ، ޑައިރެކްޓްކޮށް މިދިޔަ މަހު ގެނެސްދިން ފިލްމު "ސްވަންތަރިއާ ވީރު ސަވަރްކަރް" އިންނެވެ.
އަންކިތާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާގީ 3" ހިމެނެ އެވެ.
މިދިޔަ ހަފުތާގައި އަންކިތާ އާއި ފިރިމީހާ ވިކީ ޖެއިން އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ނެރެފައިވެ އެވެ. ޓީ ސީރީޒުން ނެރުނު ލަވައިގެ ނަމަކީ "ލާ ޕީލާ ދޭ ޝަރާބު" އެވެ.