Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

ރާޖް ލޯފަން މީހެއްގެ ގޮތުގައި

އިންޑިއާގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ލޯފަން މީހެއްގެ ރޯލު ކުޅެފައިވާ "ސްރީކާންތު ބޯލާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ވިޔަފާވެރިޔާ އަދި ބޯލަންތު އިންޑަސްޓްރީގެ ބާނީ ސްރީކާންތު ބޯލާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ރާޖް ޓައިޓްލް ކުޅުނު ރޯލު ފިލްމު ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ތުޝާރު ހިރަނަންދާނީ އެވެ.

އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ސްރީކާންތު ބޯލާ" ގެ ކާސްޓްގައި މިދިޔަ މަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ޝައިތާން" ގައި އޭނަގެ އަންހެނުންގެ ރޯލު ކުޅުނު ޖޯތިކާގެ އިތުރުން ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ އަަދި ޝަރަދު ކެލްކަރް ހިމެނެ އެވެ.

"ސްރީކާންތު ބޯލާ" ގެ ޓްރެއިލާއާ އެކީ ރާޖްގެ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރުގެ މޮޅު އެކްޓިންއެއް ޓްރެއިލާ އިން ފެނިގެންދާކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ފިލްމަށް ކުރެވޭ އުންމީދު ބޮޑު ކަމަށް އަންނަނީ ބުނަމުންނެވެ.

ލޯފަންވުމުގެ ސަބަބުން ކުޑައިރާއި އެންމެ ޒުވާން އުމުރު ތަފާތު އެތައް ގޮންޖެހުމަކާއި ކުރިއަށް ދާން އެތައް ހުރަސްތަކެއް ކުރިމަތިވި ސްރީކާންތަކީ އެމެރިކާގެ މެސެޗޫސެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން މެނޭޖްމަންޓް ސައިންސްގެ ދާއިރާ އިން ގްރެޖްއޭޓްވި ފުރަތަމަ ލޯފަން މީހާ އެވެ.

ފިލްމު "ސްރީކާންތު ބޯލާ" ގައި އޭނަ ކާމިޔާބު މީހަކަށްވެގެން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ.