Last Updated: May 6, 09:58
Monday, May 6, 2024
ރިޕޯޓް

އީދު ރެސިޕީ: މަޓަން ބިރިޔާނީ

* ބޭނުންވާ ތަކެތި:

– ބަތް ކައްކަން

2/3 ޖޯޑު ޑާވަޓް ދެވާޔާ ބާސްމަތީ ހަނޑޫ
1/3 1 ޖޯޑު ފެން
3 އިންޗީގެ ފޮނިތޮށި
3 ކާފޫރުތޮޅި
1 ބޭ ލީފް
½ ސައިސަމުސާ ލޮނު

– މަސާލާގަނޑަށް

2 މެދު ސައިޒުގެ ފިޔާ
2 ޓޮމާޓޯ
3 ތޮޅި މިރުސް
¼ ޖޯޑު ގިތެޔޮ
¼ ޖޯޑު ރޯ ކެޝޫނަޓް
1 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
1 ބޭ ލީފް
2 މޭޒުމަތީ ސަމުސާ ހިކި މޭބިސްކަދުރު
450 ގްރާމް ކަރީމިއާ ފްރޯޒަން ބޯން އިން މަޓަން ކިޔުބްސް
3 މޭޒުމަތީ ސަމުސާ ޔޯގަޓް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ސައިސަމުސާ ތެޅި މިރުސް
½ 1 ސައިސަމުސާ މުގުރި ދިރި
1 ސައިސަމުސާ މުގުރި ކޮތަނބިރި
¼ ސައިސަމުސާ ރީނދޫ
¼ 1 ސައިސަމުސާ ލޮނު
2/3 ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ ކޮށާފައިހުރި ކޮރިއެންޑަރ ފަތް

* ތައްޔާރު ކުރާނެ ގޮތް:

1. ޑާވަޓް ޑެވާޔާ ބާސްމަތީ ހަނޑޫ، ފެން، ފޮނިތޮށި، ކާފޫރުތޮޅި، ބޭ ލީފް އަދި ލޮނު ތެއްޔަކަށް އަޅާފައި ތެލީގެ މަތި ނުޖަހާ 8 މިނިޓު ވަންދެން ގަދަ ގިނީގައި ކައްކާށެވެ. ދެން ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްލާފައި 5 މިނިޓުވަންދެން ނޫނީ ހަމަ ބަތްކޮޅު ހަމަ ކެކެންދެން ކައްކާށެވެ.
2. ކެކުނީމައި ބަތްކޮޅު ތަށްޓަކަށް ނަގާފައި ފޮނިތޮށްޓާއި ބޭ ލީފް ބަތުގެ ތެރެއިން ނަގާށެވެ. އެތަކެތީގެ ބޭނުން މިހާރު އެހެރީ ހިފާ ނިމިފައެވެ. ބަތް ކައްކާ އެނިމުނީއެވެ. ދެން އޮތީ މަސާލާގަނޑު ހެދުމެވެ.
3. ފިޔާ އަދި ޓޮމާޓޯ ތުނިކޮށް ކޮށާށެވެ. އަދި ތޮޅި މިރުސްތައް މެދުން ދިގަށް ފަޅާލާށެވެ.
4. ގިތެޔޮ ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ހޫނު ވީމައި ފިޔާކޮޅު އޭގެ ތެރެއަށް އަޅާފައި ގަދަ ގިނީގައި 3 މިނިޓު ނޫނީ ފިޔާކޮޅަށް ރަތްކުލަ އަރަންދެން ކައްކާށެވެ. ދެން ކެޝޫ ނަޓް އޭގެ ތެރެއަށް އަޅާފައި އިތުރު 2 މިނިޓުވަންދެން ނޫނީ ކެޝޫ ނަޓްތަކަށް ރަން ކުލަ އަރަންދެން ކައްކާށެވެ.
5. ޖިންޖަރ ގާލިކް ޕޭސްޓް، ތޮޅި މިރުސް، ބޭލީފް އަދި ހިކި މޭބިސްކަދުރު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. ދެން ކަރީމިއާ ފްރޯޒަން މަޓަން ކިޔުބްސްކޮޅު ތެއްޔަށް އަޅާފައި މެދު ގިނީގައި ހުރިހާ އެއްޗެއް އެއް ކުރަމުން މިނިޓެއްވަރު ކައްކާލާށެވެ.
6. ދެން ޔޯގަޓް، ޓޮމާޓޯ ޕޭސްޓް، ތެޅިމިރުސް، ދިރި، ކޮތަނބިރި، ރީނދޫ، ލޮނު އަދި ޓޮމާޓޯ ތެއްޔަށް އަޅާފައި 1 މިނިޓު ކައްކާލާށެވެ.
7. ދެން 2/3 ޖޯޑު ފެން ތެއްޔަށް އަޅާފައި ތެލީގެ މަތި ޖަހާށެވެ. ދެން 20 މިނިޓު ވަންދެން މެދު ގިނީގައި ކައްކާށެވެ. ދެން ގިނި މަޑުކޮށްލާފައި 20 މިނިޓު ކައްކާށެވެ.
8. ދެން ތެލީގެ ތެރެއަށް ބަތްކޮޅު އަޅާފައި ރިހައިގެ މަތީގައި ފަށަލައަކަށް ވާގޮތަށް ފަތުރާލާށެވެ. ދެން އޭގެ މައްޗަށް ކޮރިއެންޑަރ ފަތްކޮޅު އަޅާލާފައި ތެލީގެ މަތި ޖަހާށެވެ. ދެން ވަރަށް މަޑު ގިނީގައި 10 މިނިޓު ވަންދެން ކައްކާލާށެވެ.
9. ދެން މަތި ނަގާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއިރުން އެ ނިމުނީ އެވެ.

ރެސިޕީ: ލޮނުމެދު