ޕީޕީއެމްގެ ކޮންގްރެސްގައި ބައިވެރިވުމަށް އެއްވެސް މަންދޫބަކު ނުދިއުމަށް ފޭދޫއާއި މީދޫގެ ޕީޕީއެމް މެމްބަރުން ނިންމައިފިއެވެ.
އައްޑޫލައިވަށް އެގިފައިވާގޮތުގައި ޕީޕީއެމްގެ ކޮންގްރެސްގައި މެމްބަރުން ބައިވެރިވުމަށް ދެކޮޅު ހަދާފައިވަނީ ގިނަ މެމްބަރުންތަކެއް އެޕާޓީއަށް ސޮއިކޮށްފައި ތިބިއިރު އޭގެ ތެރެއިން ވަރަށް މަދު ބަޔަކަށް ކޮންގްރެސްގައި ބައިވެރިވުމަށް ފުރުސަތު ދިނުމުންނެވެ.
ޕީޕީއެމްގެ ފޭދޫ މެމްބަރަކު ބުނީ އެ ރަށުގައި ޕީޕީއެމްގެ 650 އެއްހާ މެމްބަރުން ތިބި އިރު ކޮންގްރެސް އަށް ފުރުސަތު ދީފައިވަނީ އެންމެ ތިންމީހަކަށް ކަމަށެވެ. އަދި މީދޫން ތިން މީހަކަށް ފުރުސަތު ދީފައިވަނިކޮށް ފަހުން އެންމެ މީހަކު ކޮންގްރެސްއަށް ދިއުމަށް ނިންމުމާއި ގުޅިގެން އެކަމާއި ހިތް ހަމަނުޖެހިގެން ކޮންގްރެސް އަށް ނުދާން ނިންމީ ކަމަށެވެ.
ޕީޕީއެމް ގަވާއިދު ބުނާގޮތުން އެޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ 50 މީހުންގެ ގޮތްޕަކުން އެގޮފި ތަމްސީލުކުރުމަށް އެއް މެމްބަރަކަށެވެ. އަދި 30 އަންހެނުން ތިބި ގޮފިއެއްނަމަ އެގޮފިން އެއް އަންހެނަކަށް ފުރުސަތު ލިބޭއިރު 20 ޒުވާނުން ތިބި ގޮތްޕެއް ނަމަ 1 ޒުވާނަކަށް ފުރުސަތު ލިބެއެވެ.